ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނާ ބެހޭގޮތުން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުކޮށްފިއެވެ.
އިންތި ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައިވަނީ، މިއަދު 8:30ގައެވެ.
މީޑިއާތަކުގައި އާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ތަކުރާރުކޮށް އިންތި ގެންދަވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި، އެ ކޯޓުގެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ސުޕްރީމް ކޯޓަކީ "ވަކަރުގެ' ހޮތުގައި ސިފަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް އިންތިވަނީ ވަރަށްބޮޑަށް ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.
ސުޕްރީިމް ކޯޓަށް ހާޒިރުވާން އެންގުމާ ގުޅިގެން އިންތި އިއްޔެ ވިދާޅުވީ، ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ، ބިރު ދެއްކުމަށް ކަމަށާއި، އެކަމާމެދު ބިރުގަނެ ޖެހިލުން ނުވާ ކަމަށެވެ. އަދި ނިމިދަންދެންވެސް ސުޕްރީމް ކޯޓު އިސްލާހު ކުރުމަށް ވާހަކަ ދައްކަވާނެ ކަމަށާއި ފާޑު ވިދާޅުވާނެ ކަމަށް އިންތި ވިދާޅުވިއެވެ. އަދި ސުޕްރީިމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށާއި އެ ބޭފުޅުން ވަކިކުރަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.
މިއަދު އިންތި ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައިވާއިރު، މީގެ ކުރިން، މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު އާއި، ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މޫސާ ސިރާޖު، ސުޕްރީމް ކޯޓާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ވަނީ އެ ކޯޓަށް ހާޒިރު ކޮށްފައެވެ.