އިބްރާހިމް ޒަކީ
އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު، ދިރާސާ ކުރުމަށް އެކުލަވައިލި ފަސް މެންބަރުންގެ ކޮމިޓީގެ މުގައްރިރަކަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)، ނައިބު މުގައްރިރަކަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އިންތިހާބު ކޮށްފިއެވެ.
އެ ކޮމިޓީގެ މުގައްރިރުން އިންތިހާބު ކުރަން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ފުވައްމުލަކު އުތުރުދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ފުރަތަމަ ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒުގެ ނަމެވެ. ނަމަވެސް އޭނާ ތަނާޒުލު ވުމުން ދެން ހުށަހެޅުއްވީ އިންތިގެ ނަމެވެ. އިންތިގެ ނަމަށް ތާއީދު ކުރެއްވީ އަލީ ހުސެއިންއެވެ.
ނައިބު މުގައްރިރަކަށް އަލީ ހުސެއިންގެ ނަން ހުށަހެޅުއްވީވެސް މުހައްމަދު ރަޝީދެވެ. ތާއީދު ކުރެއްވީ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ، އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއުއެވެ.
މަޖިލީހަށް ބިލު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، މިއީ މިހާރު ގާނޫނު އޮތް ގޮތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރަމަޟާން މަހާ ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ހުށަހެޅުއްވި ބިލެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ހަމަޖައްސާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހެވެ.
ރޯދަމަހު އެވަރުގެ ބޮޑު އިންތިހާބެއް ބާއްވައިފިނަމަ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، ގިނަ ބަޔަކު ވޯޓުލުމަށް ނުނިކުމެދާނެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން އީސީން ބުނީ ރޯދަ މަހުގެ ފަހަށް އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.
އެހެންކަމުން ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އެ ގާނޫނުގެ 43 ވަނަ މާއްދާއަށެވެ.
އެ މާއްދާގެ (ހ) ގައި ބުނަނީ އިންތިހާބެއްގައި ވޯޓު ނަގާ ދުވަހާއި ވޯޓު ނަގާ ގަޑި އަދި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގާ ނިންމާ ގަޑި އާއި ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާން ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.
އޭގެ ފަހަތަށް ދެ އަކުރެއް އިތުރުކުރަން ބިލުގައި ހިމަނާފައިވާ އިރު، (ށ)ގެ ގޮތުގައި އެ މާއްދާގައި ހިމަނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް ބުނެފައިވެއެވެ.
މި މާއްދާގެ (ނ)ގެ ގޮތުގައި އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، މި މާއްދާގެ (ށ) ގައި ބުނި ހާލަތުގައި އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތަށް އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.
އިބުތިދާއީ ބަހުސަށްފަހު މި ބިލު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 39 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގެނަ އިތުރަށް ދިރާސާ ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި އިސްލާހު ފާސްވެއްޖެނަމަ އެއަށްފަހު އެއްވެސް އިންތިހާބެއް ރޯދަމަހުގެ ތެރެއަކު ނުބޭއްވޭނެއެވެ.
މި ބިލަށް ވެރިކަން ހިންގާ ޕީއެންސީން ވަނީ ދެކޮޅު ހަދައިފައެވެ.