ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން، ހިތަދޫގައި ހިންގި އޮޕަރޭޝަންގައި، ގެއެއް ބަލައި ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑް ތިން އަންހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެމީހުން ހާޒިރު ކުރުމުން އެ އެންމެންވެސް 14 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މަރަދޫގައި ހިންގި އޮޕަރޭޝަންގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ދިވެހި ފިރިހެނަކާއި އިންޑިއާ ފިރިހެނަކާއި މިޔައްމާ ފިރިހެނެއްގެ އިތުރުން ތައިލެންޑް ދެ އަންހެނުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑް ދެ އަންހެނުންނާއި ދިވެހި ފިރިހެން މީހާ އަދި މިޔައްމާ ފިރިހެން މީހާ 10 ދުވަހަށް އަދި އިންޑިއާ ފިރިހެން މީހާ ހަތަރު ދުވަހަށް ބަނދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.