ރާއްޖެއަށް ކަނޑު މަގުން އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ރީ-އެކްޕޯޓް ކުރަން ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެމްޕީއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކުންފުނީގެ ޗީފް އެކްސެކިއުޓިވް އޮފިސަރު މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ކުންފުނިތައް ބާރުވެރި ކުރުވައި ރާއްޖެއަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެމަސައްކަތުގެ ތެރެއިން ރާއްޖެއަށް ކަނޑުގެ މަގުން އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ރީ-އެކްޕޯޓް ކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ ފުރަތަމަ މަސައްކަތްތައް ފަށައިގެން ކުރިޔަަށް ގެންދާ ކަމަށް ވިދާޅުވިއެވެ.
"އެ މަސައްކަތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް މިހާރުވެސް، ހާއްސަކޮށް ކަނޑުމަގުން ރާއްޖެ އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ފޮނުވުމަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި އެއާޕޯޓްގެ އިސްވެރިންނާ މަޝްވަރާކޮށް، ރާއްޖެއިން ބޭރަށް ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން އެކްސްޕޯޓުކުރެވޭނެ އިންތިޒާމުތައް ހަމަޖެހި އެއްބަސް ވުމަކަށް ވަނީ އާދެވިފައި،" ވަޖީހް ވިދާޅުވިއެވެ.
ވަޖީހު އިތުރަށް ވިދާޅުވީ، މިހާރުވެސް ވަރަށް ގިނަ މުދާ ކޮލޮމްބޯ މަގުން ރާއްޖެ އައިސްފައިވާ ކަމަށާއި ކަނޑުމަގުން ރާއްޖެ ގެންނަ މުދާތައް ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާނެ އިންތިޒާމުތައް ހަމަޖައްސަން އެއާލައިންސްތަކާ މަޝްވަރާކޮށް މުދާ އެކްސްޕޯޓު ކުރަން ތައްޔާރުވަމުންދާ ކަމަށެވެ.
އޭގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެ، ޑޮލަރުން އާމްދަނީ ލިބިގެންދާނެ ކަމަށެވެ. އަދި އެކުންފުނީގެ އެތެރޭގެ އިންތިޒާމުތައް ޒަމާނީ ވަސީލަތްތަކާ އެކުވުމުން، ޖުމުލަ 3000 ވުރެ ގިނަ ކޮންޓެއިނަރު ބަހައްޓާނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ފަތުރުވެރިންގެ ހިދުމަތްތަކަށް ބޭނުންވާ "ބޮންޑެޑް ވެއާ ހައުސް" ތަކަށް ކުރިމަތިވި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭ ޕޯޓުގައި އިތުރު 150 ކޮންޓެއިނަރު ބަހައްޓާނެ ޖާގަ އިތުރު ކުރަމުން ގެންދާ ކަމަށާއި އެކަމުން ރިސޯޓުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.