ޚަބަރު

ޗައިނާގެ އެހީގައި ފަސް ރަށެއްގައި ޑީސަލިނޭޝަން ޕްލާންޓް ބަހައްޓައިފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި ހެދި މައިކްރޯ- ގްރިޑް ސީވޯޓާ ޑީސަލިނޭޝަން ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ ޗައިނާގެ އެހީގެ ދަށުން އެ ޕްލާންޓުތައް ގާއިމުކޮށްފައިވަނީ ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ގއ. ދާންދޫ އަދި ކ. ކާށިދޫގައި ކަމަށެވެ. އެ ޕްލާންޓުތަކަކީ އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ގާއިމުކޮށްފައިވާ ޕްލާންޓުތަކެއް ކަމަށްވެސް ބުންޏެވެ.

އަލިފުށި، އޮޅުވެލިފުށި، ކެލާ އަދި ދާންދޫގެ ޕްލާންޓުން ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭއިރު، އެ ޕްލާންޓުގައި 200 ކިލޯވޮޓުގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ. ކާށިދޫގެ ޕްލާންޓުން ދުވާލަކު 200 ޓަނުގެ ފެން އުފައްދާއިރު އެ ޕްލާންޓުގައި 100 ކިލޯވޮޓުގެ ވިންޑް ޓާބައިންއަކާއި 100 ކިލޯވޮޓުގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.

އެ ޕްލާންޓުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ. އަދި މަސައްކަތް ނިންމާ ޓެކްނިކަލް ހޭންޑްއޯވާ ސެޓްފިކެޓުގައި ސޮއިކޮށްފައިވަނީ 12 އޮކްޓޯބަރު 2023 ގައެވެ.