ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ އިރުފާން ތަގިއްޔު ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ހަތެއް ޑިސެންބަރު 2020 ގައި ސ.ހުޅުދޫ ދޭލިޔާގެ އިރުފާން ތަގިއްޔު އާއި އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެއްޗާއި ޕާޓީ ޑްރަގްސް ރާއްޖެ އެތެރެކޮށް، ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި އަށެއް ޑިސެންބަރު 2020 ގައި އިރުފާން ތަގިއްޔު ހައްޔަރުކޮށް ބަންދުކުރި މައްސަލައެވެ.
އެއަށްފަހު 24 ޑިސެމްބަރު 2020 ގެ ނިޔަލަށް އޭނާގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކުރިއެވެ. އެފަހަރު އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެނެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ގަރީނާ ލިބި ކޯޓަށް ހުށަހެޅިފައިވާ އިރު، ގާނޫނު އަސާސީގައިވާ ސަބަބެއް ވުޖޫދުވެފައިވަނިކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތަށްޓަކައި އަދި ހެކިންނަށް ނުފޫޒު ފޯރުވައިފާނެ ކަމަށްޓަކައެވެ.
އެ އަމުރު މުރާޖައާކުރުމަށް އެދި، އިރުފާން ތަގިއްޔުގެ ފަރާތުން 29 އޮގަސްޓު 2023 ގައި ކޯޓަށް ހުށަހެޅިއެވެ. އެ ހުށަހެޅުމާ ގުޅިގެން، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް އެ އަމުރު ދައުލަތުގެ ފަރާތުން ހައި ކޯޓުން އިސްތިއުނާފުކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު އެފަަހަރު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ޝަރުތުތަކަކާ އިރުފާން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކަމަށް ކަނޑައަޅައިފައެވެ. އަދި އިރުފާންގެ މައްޗަށް ހުކުމެއް ކުރެވެންދެން ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން، އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ، ހައި ކޯޓުގެ ހުކުމުގައި ރިއާޔަތްކޮށްފައިވާ ކަންކަމަށް ކުރިމިނަލް ކޯޓުން ރިއާޔަތްކުރަންވާނެ ކަމަށްވެސް ހުކުމްގައިވެއެވެ.
ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އޭނާ ބަންދުކޮށްދިނުމަށް އެދި އަލުން ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް މިދިޔަ ނޮވެމްބަރުމަހު ކުރިމިނަލް ކޯޓުން ނިންމީ އޭނާ ބަންދުކޮށްދެވެން ނެތް ކަމަށެވެ.
އެކަމާ ގުޅިގެން ދައުލަތުން އެ މައްސަލަ އަނެއްކާވެސް ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި މިދިޔަ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ހައިކޯޓުން ހުކުމްކުރީ އިރުފާން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށެވެ.
ދައުލަތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅީ ހައިކޯޓުގެ މި ނިންމުމެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އިބްރާހިމް ނާސިހު ވިދާޅުވީ، އިރުފާން ދޫކޮށްލީ ރަނގަޅަށްކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމަކީ، ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅުއްވައިދެއްވައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން އިރުފާންގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް އަމުރުކޮށްދެއްވުމަށް ކޯޓުގައި އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައަށް މިއަދު ސުޕްރީމް ކޯޓުން ގޮތެއް ނިންމައިފައެއް ނުވެއެވެ.
މިއީ "މަސްޖަރީ" ނަމަކަށް ކިޔާ ބޯޓެއްގައި 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެކެވެ. އެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ ފަރިދީމަގުގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ 72 ކިލޯގެ މަސްތުވާތަކެތި ހުރީ ހަތަރު ދަބަހެއްގައި ފޮރުވައިފައެވެ. އެ ތަކެތީގެ މަގުމަތީ އަގަކީ 71 މިލިއަން ރުފިޔާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
އެ މައްސަލައިގައި އިރުފާން ހިމެނޭހެން ވަނީ 10 މީހަކަށް ވަނީ ދައުވާކޮށްފައެވެ. އެ އެންމެންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި ދެން ތިބި އެންމެންގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ މިދިޔަ އަހަރު އަނބުރާ ގެންގޮސްފައެވެ. އެ ދެ މީހުންނަކީ އިރުފާން އަދި ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާއެކު އިރުފާން ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެއީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ފެންނަން ނެތަތީ އާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނެތުމުގެ އިތުރުން އިރުފާންގެ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، ކުރިމިނަލް ކޯޓުން ކުރި އަމުރެކެވެ.