ޚަބަރު

ރޯދައާ ދިމާކޮށް މުދާ ވިއްކާ ތަންތަން ބަންދު ކުރަންޖެހޭ ގަޑިއަށް ގެނެސްފައިވާ ބަދަލަށް މިރޭ އަމަލުކުރަން ފެށޭނެ

މަރިޔަމް ޝަހުދާ

ރޯދަމަހާއި ދިމާކޮށް އިމްޕޯޓް މުދާ ވިއްކާ ތަންތަން ބަންދު ކުރަންޖެހޭ ގަޑިއަށް ގެނެސްފައިވާ ބަދަލަށް މިރެއިންފެށިގެން އަމަލުކުރެވޭނެ އެވެ.

މިމަހު 11 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އާންމުކުރި އިއުލާނެއްގައި 29 އޭޕްރީލް ވަނަ ދުވަހުގެ ރެއިން ފެށިގެން ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު އިމްޕޯޓު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ފަހު ވަގުތަކީ ދަންވަރު 12 ކަމަށް ވަނީ އިއުލާނުކޮށްގައެވެ. މި އިއުލާނާ އެއްގޮތަށް މިރެއިން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި އިމްޕޯޓު މުދާ ވިއްކާ ފިހާރަތަކަށް މެންދަމު 12:00ގެ ނިޔަލަށް ވިޔަފާރި ކުރެވޭނެ އެވެ.

އިކޮނޮމިކް މިނިސްޓަރީން ވަނީ ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ، ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެދުވަހެއްގެ އިރުއޮއްސުމާ ހަމައިން، މެންދަމު 3:00 އާ ދެމެދު ކަމަށްވެސް ހާމަކޮށްފައެވެ.

ދާދި ފަހުން 24 ގަޑިއިރު ހިދުމަތްދޭން ބޭނުންވާ ތަންތަނުން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ބަލައި މިންގަނޑަށް ފެތޭ ތަންތަނަށް އެމިނިސްޓްރީން ވަނީ 24 ގަޑިއިރުގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައެވެ.