ޚަބަރު

މިދިޔަ ސަރުކާރުން ބަދަލުގެ ގޮތުގައި ބިލިޔަނަކަށްވުރެ ގިނަ ރުފިޔާގެ ހަރުމުދާ ދިން މައްސަލައެއް ބަލަނީ

އިބްރާހިމް ޒަކީ

މިދިޔަ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ސެޓްލްމެންޓް ކޮމިޓީން، ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ހަރުމުދަލާއި ފައިސާ ދީފައިވާ މައްސަލަތަކެއް ބަލަމުންގެންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެކި ކަންކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދޭ މައްސަލަތައް ހައްލުކޮށް ބަދަލު ދޭންޖެހޭ ކަންތައްތަކަށް ބަދަލު ދިނުމުގެ ކަންތައްތައް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުފައްދާފައި އޮތް ސެޓްލްމެންޓް ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވަނީ އުވާލައްވައިފައެވެ.

އޭޖީ އޮފީހުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އުޝާމް ވިދާޅުވީ، ރައީސް މުއިއްޒު އެ ކޮމިޓީ އުވާލެއްވުމަށްފަހު އެހާތަނަށް އެ ކޮމިޓީން ކުރި މަސައްކަތްތަކާ ބެހޭ ހުރިހާ ލިޔެ ކިއުންތައް އޭޖީ އޮފީހާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

އެ ލިޔެކިއުންތަކަށް ބަލާއިރު އެ ކޮމިޓީން ޖުމްލަ 10 ފަރާތަކަށް ގެއްލުމުގެ ބަދަލު ދީފައިވާކަން އެނގެން އޮތް ކަމަށާއި ބަދަލުގެ ގޮތުގައި ފައިސާ އާއި ރަށްރަށް ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެ ކޮމިޓީން މައްސަލަތައް ނިންމާފައިވާ ގޮތް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކަކީ ޝަރީއަތަށް ހުށަހެޅިގެން ޝަރީއަތުގައި އަޑުއެހުންތައް ކުރިއަށްގެންދަމުންދިޔަ މައްސަލަތަކެއް ކަމަށާއި ސަރުކާރުގެ މައްޗަށް ދައުވާ ކުރި ފަރާތްތަކުގެ ތެރެއިން، ދައުލަތާ ދެކޮޅަށް މައްސަލަ ކާމިޔާބު ނުވާނެ ކަމަށް ސާފުކޮށް އެނގެން އޮތް ބައެއް މައްސަލަތަކަށްވެސް ސެޓުލްމަންޓް ކޮމިޓީން ބަދަލުދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ބައެއް މައްސަލަތަކުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް އޮޑިޓާޖެނެރަލްގެ އޮފީހުން އަންގާފައިވާ ބައެއް މައްސަލަތަކާއި އެ އޮފީހުން ވަކި މިންވަރެއް ކަނޑައަޅާފައިވާ ބައެއް މައްސަލަތަކުގައި އެއަށްވުރެ ބޮޑު އަދަދުން ބަދަލުދީފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ ކޮމިޓީން މިހާތަނަށް ނިންމާފައިވާ ކަންތައްތައް ކުރިއަށް ނުގެންދިއުމަށް ފިނޭންސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާގެ އެންގެވުމުގެ މަތިން އޮޑިޓާ ޖެނެރަލް އޮފީހުން އަންނަނީ މި އެއްބަސްވުންތަކުން ދިނީ ހަމަ ބަދަލެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.