އޭސީ ނުކޮށް މިހާރު ހުރި މިސްކިތްތައް އޭސީކޮށް މާލޭގެ ހުރިހާ މިސްކިތެއް އޭސީ ކުރުމަށް ދިރާސާ ކުރަމުންދާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، މާލޭގެ ބައެއް މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުގެ އެހީގައި އޭސީ ކޮށްގެން އެ ފަރާތުން ކަރަންޓު ބިލު ދައްކަމުން އަންނަ މިސްކިތްތަކެއް ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ދިމާވި މައްސަލަތަކާ ގުޅިގެން ބައެއް މިސްކިތްތަކުގެ ބިލު ދެއްކެން ނެތް ކަމަށް އަންގާފައިވުމާއި ބައެއް މިސްކިތްތައް އަދިވެސް އޭސީ ކޮށްފައި ނުވާތީ އެކަން ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމަށް މައުލޫމާތު ދެއްވަމުންނެވެ.
އަމިއްލަ ފަރާތްތަކުން އޭސީ ކޮށްދީފައިވާ މިސްކިތްތަކުގެ ކަރަންޓް ބިލް ސިޓީ ކައުންސިލުން ދެއްްކުމާއި އޭސީ ނުކޮށް ހުރި މާލޭގެ މިސްކިއްތައް އޭސީ ކުރުމާބެހޭ ގޮތުން މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ވަނީ ހިޔާލުފާޅުކޮށްފައެވެ.
އޭގެ ތެރެއިން މާލޭ ސިޓީގެ ޑިޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ސަރުކާރުން މިސްކިތްތަކުގެ ކަރަންޓް ބިލު ޑޮމެސްޓިކް ރޭޓަށް ބަދަލު ކޮށްފައިވާއިރު، ހުރިހާ ބިލުތަކެއް ދެއްކުމަކީ ކައުންސިލަށް ކުރެވިދާނެ ކަމެއްތޯ ބަލައި، މާލޭގެ ހުރިހާ މިސްކިތެއް އޭސީކޮށް އެ ހަރަދު ސިޓީ ކައުންސިލުން ނެގުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އެކަމާ ގުޅިގެން ބައެއް މެންބަރުން ވިދާޅުވީ، މިސްކިއްތައް ސޯލާ ކުރުމަކީ ހަރަދު ކުޑަވާނެ ކަމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި މޭޔަރު އާޒިމް ވިދާޅުވީ، މާލޭގެ ހުރިހާ މިސްކިތެއްގައި ސޯލާ ހަރުުކުރަން ދާނެ ހަރަދާއި އެކަން ކުރުމަކީ ވައިބަލް ކަމެއްތޯ ބެލުމުގެ ދިރާސާއެއް ހެދުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން ހުރިހާ މިސްކިތެއް ދިރާސާކޮށް އެކަމުގެ މައުލޫމާތު ސްޓެލްކޯ އިން މާލޭ ސިޓީ ކައުންސިލާ ހިއްސާކުރުމުން އެކަމުގެ ކުރިއަށްދާނެ ގޮތެއް ކައުންސިލުން ނިންމާނީ ކަމަށްވެސް ވިދާޅުވިއެވެ.