ބާތިލު ވޯޓު މަދުކުރުމުގެ މަގުސަދުގައި "އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދު" އަށް އިސްލާހުތަކެއް ގެނެސްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދަށް ގެނައި އިސްލާހުތައް ގެޒެޓުކޮށްފައެވެ.
އެ އިސްލާހުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ބާތިލު ވޯޓެއް ކަމަށް ބަލާނެ ހާލަތްތަކެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި 7،888 ވޯޓު ލައިފައިވެއެވެ. އަދި މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގައި ވެސް 402 ބާތިލު ވޯޓު ލައިފައިވެއެވެ.
"އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދު"ގައި ކުރިން ބަޔާންކޮށްފައިވަނީ އިންތިހާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށް، އިންތިހާބަށް ކުރިމަތިލުމަށް އިޢުލާނުކުރުމާއެކު، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވި ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދަންވާނެ ކަމަށެވެ. އަދި ޝަކުވާގެ ނިޒާމު ފަސޭހަކުރުމަށްޓަކައި، ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއްގެ އިތުރުން އިތުރު ކޮމްޕްލެއިންޓްސް ބިއުރޯތައް ގާއިމު ކުރެވިދާނެ ކަމަށެވެ. އިތުރަށް ބަޔާން ކޮށްފައިވަނީ ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ނުވަތަ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިން ހުށަހަޅާ ޝަކުވާ ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށެވެ.
ނަމަވެސް މިއަދު ގެޒެޓުކުރި އިސްލާހުގައިވަނީ އެ ހުރިހާ ކަމެއް އުނިކޮށްފައެވެ. އަލަށް ގެނައި އިސްލާހުގައި ބަޔާން ކޮށްފައިވަނީ ރަށު، އަވަށު، އަތޮޅު އަދި ސިޓީ ފޯކަލް ޕޮއިންޓުތަކަށް އިންތިހާބާ ބެހޭ މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލަތައް ދުވަހުން ދުވަހަށް އަތޮޅު ނުވަތަ ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ނުވަތަ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ފޮނުވަން ވާނެ ކަމަށެވެ.