ޚަބަރު

ޕޮލިސް ސްޓޭޝަންތައް ހަދަން އިންޑިއާ ކުންފުންޏަކަށް ދިން 3.6 މިލިއަން ޑޮލަރު ގެއްލުނު މައްސަލައެއް ބަލަނީ

1

ރާއްޖޭގެ 61 ރަށުގައި ޕޮލިސް ސްޓޭޝަން ހަދަން މިދިޔަ ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކެއް ހުރި ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަން ފުލުހުން ފަށައިފިއެވެ.

ހޯމް ސެކްޓާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އިސްމާއިލް ނަވީން ވިދާޅުވީ މައްސަލައެއްގެ ގޮތުގައި ޕޮލިސް ސްޓޭޝަންތައް ހެދުމަށް އެއްބަސްވި އެއްބަސްވުމުގެ މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސަރުކާރާއެކު އެއްބަސްވުމެއް ހަދައިގެން ފުލުސް އިމާރާތް ހަދަން ހަވާލުކުރި އިންދިރާ ޕްރޮޖެކްޓްސް ކުންފުންޏަށް ދިވެހި ސަރުކާރުން ޖަމާކުރި 3.6 މިލިއަން ޑޮލަރަށް ވީނުވީއެއް މިހާތަނަށްވެސް ސާފުވެފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާ ގުޅޭނެ ގޮތެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްރޫއުގެ ޓައިމްލައިން:

  • 26 އޮގަސްޓް 2019: 41.18 މިލިއަން ޑޮލަރަށް 61 ރަށުގައި ޕޮލިސް ސްޓޭޝަން ހަދަން އިންދިރާ ޕްރޮޖެކްޓްސްއިން ޝައުގުވެރިކަން ފާޅުކުރި
  • 12 އޮކްޓޫބަރު 2022: އިންދިރާ ޕްރޮޖެކްޓްސް ކުންފުނި، އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކިޔާ ޕާޓުނާޝިޕަކަށް ރާއްޖޭގައި ބަދަލުކޮށް، ރެޖިސްޓާ ކުރި
  • 7 މާޗު 2023: ސަރުކާރުން އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް އަށް 3.6 މިލިއަން ޑޮލަރު ޖަމާކުރި
  • 23 އޭޕްރީލް 2023: ޕޮލިސް ސްޓޭޝަން ހަދަން އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ނުލިބޭކަން ސަރުކާރަށް އެންގި
  • 13 އޮގަސްޓް 2023: ޕޮލިސް ސްޓޭޝަން ހަދަން އިންޑިއާއިން 5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭނެ ކަމަށް ސަރުކާރަށް އެންގި
  • 24 އޮގަސްޓު 2023: އެޑްވާންސްކޮށް ދިން 3.2 މިލިއަން ޑޮލަރަކީ އިންޑިއާއިން ދޭން ނިންމި، 5 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ ބައެއްކަމަށް ފިނޭންސް މިނިސްޓްރީން ފުލުހުންނަށް އެންގި
  • 20 ޖެނުއަރީ 2024: އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކިޔާ ޖޮއިންޓް ވެންޗާ ރޫޅުނު ކަމަށް ސަރުކާރަށް އެންގި

އިންދިރާ ޕްރޮޖެކްޓްސްއަށް މިދިޔަ ސަރުކާރުން 61 ޕޮލިސް ފެސިލިޓީއާއި އިމާރާތް ބިނާކުރަން 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އިންދިރާ ޕްރޮޖެކްޓްސް ކުންފުނި ރާއްޖޭގައި ޖޮއިންޓް ވެންޗާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. މި ކުންފުނި ޖޭވީ ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އަޝޯކާ ބިލްޑްކޮމް ކުންފުންޏާއި އިންދިރާ ޕްރޮޖެކްޓް ޑިވްލޮޕްމަންޓް، ޑެމިލްނާޑޫ ކިޔާ ކުންފުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟