ޚަބަރު

ދެވަނަ ފިޔަވަހީގެ އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ

ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ ދާއިމީ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިނިސްޓަރު ޝަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ ފުރަތަމަ ދާއިމީ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވިގެންދާނެ ކަމަށާއި އެ މިސްމިތަކީ 1500 މީހުނަށް އެއް ފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މިސްކިތް ހުޅުވިގެން ދިއުމާ އެކު ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި ހުކުރު ދުވަހު ހުޅުވަނީ މުނިހޯމް ކެއާ އިން ހަދާ މިސްކިތެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ހުރީ ވަގުތީ ތިން މިސްކިތެވެ. ނަމަވެސް އެ ސަރަހައްދުގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ ދާއިމީ މިސްކިތެއް ހުރެއެވެ.