ޚަބަރު

ޖަޕާނުން ޝީއަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން، ސޯސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަށް 73،538 ޑޮލަރު (1،133،955.96) ރުފިޔާ ހަދިޔާކޮށްފިއެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން އެ ފައިސާ ޝީއަށް ހަދިޔާކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓޭކްއުޝީ މިޑޯރީއެވެ. ޝީގެ ފަރާތުން އެ ފައިސާއާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ސީއީއޯ އިޔާޝާ ލީނާއެވެ.

ޖަފާން އެމްބަސީން ބުނީ އެ ފައިސާ ހަދިޔާ ކޮށްފައިވަނީ "ދަ ޕްރޮޖެކްޓް ފޯ ސްޓްރެންތިން މެޑިކަލް ސިސްޓަމް ފޯ ކްލިނިކަލް ޑައިގްނޯސްޓިކްސް އެންޑް ރީޕްރަޑަކްޓިވް ހެލްތު ސާވިސް އިން މާލޭ" ގެ ބޭނުމަށް ކަމަށެވެ.

އެ ޕްރޮޖެކްޓުގެ މަސައްކަތް ފެށުމާއެކު ޝީގައި މިހާރު ހުރި ތެލެސީމިއާ ލެބޯޓަރީގެ ފެސިލިޓީސްތައް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށް ޖަޕާން އެމްބަސީން ބުންޏެވެ. އެގޮތުން ޖީން ސީކުއެންސިން ޓެކްނޮލޮޖީ އަދި ސްކޭން ސާވިސަސްގެ އިތުރުން ފެމިލީ ޕްލޭނިން އަދި ތެލެސީމިއާ ޕޭޝަންޓުންނަށް އިތުރު އެހީތައް ފޯރުކޮށްދެވޭނެ ގާބިލުކަން ޝީއަށް ލިބިގެންދާނެ ކަމަށް ޖަޕާން އެމްބަސީން ބުންޏެވެ.