ޚަބަރު

ފެނަކައިގެ ކުރީގެ މެނޭޖުމެންޓާ ގުޅުން ހުރި މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާނަން: މުއާޒް

މުހައްމަދު އިޝާން

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖުމެންޓުން ހިންގި ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާނެ ކަމަށް ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ކެންދުއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ ފެނަކައިގެ ކުރީގެ މެނޭޖުމެންޓު ވަނީ ޕްރޮޖެކްޓުތައް ހިންގުމުގެ ނަމުގައި ހިޔާނާތް ހިންގާފައި ކަމަށެވެ. އެ ހުރިހާ ކަމެއްގެ މައުލޫމާތު މިހާރު ސާފުކޮށް، އޭސީސީއަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"މި ހުރިހާ ކަންތައްތަކެއް މިހާރު އޭސީސީއަށް ފޮނުވޭ ވަރަށް އެބަހުރި މައުލޫމާތު އެއްކޮށްފަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލަސްތަކެއް ނުވެ އޭސީސީއަށް މި ހުރިހާ މައްސަލަތަކެއް އަޅުގަނޑުމެން ފޮނުވާނަން. މިއީ ދިވެހި ރައްޔިތުންނަށް ވީ ވަރަށް ބޮޑު ހިޔާނާތެއް،" މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ މި ސަރުކާރުން ފެނަކައާ ހަވާލުވިއިރު 4.3 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ކަމަށެވެ. ފެނަކައިގެ އެވްރެޖް އާމްދަނީއަކީ 120 މިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރެއިން 86 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި މުވައްޒަފުންނަށް ދޭން ޖެހޭ ކަމަށެވެ. ފެނަކައިގައި 8،000 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް މުއާޒް ވިދާޅުވިއެވެ.

ފެނަކައިގެ ޖުމުލަ 502 ޖެންސެޓު ހުރިއިރު އޭގެ ތެރެއިން 302 ޖެންސެޓް މެއިންޓެއިންސް ނުކުރުމުގެ ސަބަބުން ވަނީ ހަލާކުވެފައި ކަމަށް މުއާޒް ވިދާޅުވިއެވެ. މިދިޔަ ފަސް އަހަރު އެއްވެސް ވަރަކަށް ޖެންސެޓެއް މެއިންޓެއިން ކޮށްފައިނުވާ ކަމަށާއި ނަމަވެސް ލިޔެކިޔުންތަކުގައި ވަނީ ޖެންސެޓުގެ މެއިންޓެއިންސްއަށް އަހަރަކު 120 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. ޖެންސެޓް މަރާމާތުކުރަން ސާވިސް ސެންޓަރެއް ހެދުމަށް ހަރަދުވާނީ 60 މިލިއަން ރުފިޔާ ކަމަށާއި އޭރުން އަހަރަކު އެތަކެއް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށް މުއާޒް ވިދާޅުވިއެވެ.

"މިދިޔަ ފަސް އަހަރު ތެރޭގައި މެއިންޓެއިންސަށް އެއްވެސް ހަރަދެއް ނުކުރޭ. އޭގެ ސަބަބު ވަރަށް ސާފު އިނގޭތޯ، އެއީ ބޭނުމަކީ ޖެންސެޓުތައް ގަތުން ޖެންސެޓުތައް ހަމަ އެއްކަލަ ހަމަ ހުސްވީމަ ގަންނަ އުސޫލުން ޖެންސެޓުތައް ގަނެފަ ބޮޑު ވިޔަފާރިއަކަށް ހަދާލާފަ އޮތީ. އެހެންވީމާ 2022، 2023 އެކަނި 90 ޖެންސެޓު ފެނަކައަށް ގަނެފަ އެބަހުރި ހިސާބުތަކުން ފެންނަން. އެކަމަކު އަޅުގަނޑުމެންގެ ހާލަތެއް ބަދަލެއް ނާދޭ" މުއާޒް ވިދާޅުވިއެވެ.

އަދި ވިދާޅުވީ 2023 ވަނަ އަހަރު އެކަނި ފެނަކައިގެ ލޮޖިސްޓިކް އެކި ބޭނުންތަކަށް 117 މިލިއަން ހަރަދުކޮށްފައިވާ ކަމަށާއި އެވްރެޖު ގޮތެއްގައި ލޮޖިސްޓިކަށް އަހަރަކު 100 މިލިއަން ރުފިޔާ ފެނަކައިން މިދިޔަ ފަސް އަހަރު ހަރަދުކޮށްފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ.

"އެކަމަކު ފެނަކައިގެ ނެތް ދޯންޏެއް، ފެނަކައިގެ ނެތް ލޭންޑިން ކްރާފްޓެއް، މިއީ ހާލަތު. ބޮޑު އަގުގަ ދެނީ، ނާޖާއިޒުކޮށް ދެނީ މީހުންނަށް، ވިޔަފާރިތައް ދެނީ. އެހެންވީމަ މިގޮތަށް ގޮސްފަ މި ކުންފުނި ބަނގުރޫޓުވެފަ މިއޮތީ. 4.3 ބިލިއަން ރުފިޔާގެ ދަރަނި އަޅުގަނޑުމެންގެ ބޮލުގަ މިއޮތީ އެޅިފަ،" މުއާޒް ވިދާޅުވިއެވެ.

ދަރަނީގެ ގޮތުގައި ހުރި 4.3 ބިލިއަން ރުފިޔާގެ ތެރެއިން ދެ ބިލިއަން ރުފިޔާއަކީ ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އަށް ދޭންޖެހޭ ޑީސަލުގެ ފައިސާ ކަމަށް މުއާޒު ވިދާޅުވިއެވެ. އެސްޓީއޯއިން މިހާރު ދަނީ އެ ފައިސާ އަނބުރާ ދެއްކުމަށް އަންގަމުން ކަމަށެވެ. 2019 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ދީފައިނުވާ ކަމަށް މުއާޒް ވިދާޅުވިއެވެ. ފެނަކައަށް ލިބެންޖެހޭ ސަބްސިޑީސްގެ ތެރެއިން އެއް އަހަރު ދުވަހުގެ ސަބްސިޑީސް އެޑްވާންސްކޮށް ކުރީގެ މެނޭޖުމެންޓުން ނަގާފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކި ރަށްރަށުގައި ފެނަކައިގެ 60 ޕަވާހައުސްއެއް ހެދުމުގެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށް މުއާޒް ވިދާޅުވިއެވެ. އެ 60 މަޝްރޫއަށް އެއް ބިލިއަން ރުފިޔާ ހަރަދުކުރި އިރު، ނިމިފައިވަނީ 45 ޕަސަންޓު މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. ޕަވާހައުސް ހެދުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ މާކެޓް އަގަށްވުރެ ބޮޑު އަގުގައި ކަމަށް މުއާޒް ވިދާޅުވިއެވެ. އެހެންކަމުން ބާކީ 55 ޕަސަންޓު ނިންމަން އިތުރު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ ޕްރޮޖެކްޓުތަކުގެ ނަމުގައި ކުރީ ސަރުކާރުން ހިންގާފައިވަނީ ބޮޑެތި ޖާރީމާތަކެއް ކަމަށެވެ.

"މިތާގައިވެސް ތިއްބަވާނެ ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވާނެ ފަރާތްތައް. އަޅުގަނޑުމެން ދޭނަން މީގެ ފްލޯ ޕްލޭނާ ހުރިހާ އެއްޗެއް ވެސް އަޅުގަނޑުމެން ދޭނަން މި ޕްރޮޖެކްޓުތަކުގެ. އެއިރުން ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވާ ފަރާތްކަށާއި ސިވިލް އިންޖީނިއަރުންނާ، އާޓިކެޓުންނާ، ބީއޯކިޔު ހައްދަވާ، ކުއަންޓިޓީ ސާވެޔަރުންނަށް އެނގިވަޑައިގަންނަވާނެ މީގެ ތަނަކަށް ދާނެ އަންދާޒާ ކުރެވޭ މިންވަރު. އެކަމަކު އެވަރަށް އެސްޓިމޭޓެއް ހަދައިގެން، އެސްޓިމޭޓެއް ވެސް ނަހަދައި މި ޕްރޮޖެކްޓުތައް ފަށާފަ ހުރީ. 23 މިލިއަން ރުފިޔާ ދާންވާ ތަނަކަށް މިހާރު ވެސް 55 މިލިއަން ރުފިޔާ އެތައް ތަނަކަށް ހިނގައްޖެ،" މުއާޒު ވިދާޅުވިއެވެ.

"ގދ. މަޑަވެލީގެ ހޯޑެއްދޫގެ ސީޕީއެސް އަޅަން 22 މިލިއަން ރުފިޔާ ހަރަދުކޮށްފި މިދިޔަ ސަރުކާރުގަ. ވަޅުގަނޑެއް ހުރީ"

ފެނަކައިގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެގޮތުން ކުންފުނީގެ ހަރަދު ކުޑަކޮށް، އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ބަލަމުންދާ ކަމަށް މުއާޒް ވިދާޅުވިއެވެ. ފެނަކައިން އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާތައް އެކީ އެއްފަހަރާ ދައްކައި ހަލާސް ނުކުރެވޭނެ ކަމަށް މުއާޒް ވިދާޅުވިއެވެ. އެހެންވެ އެ ފަރާތްތަކަށް ދެ އަހަރާއި ބައިގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށް ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.