ރާއްޖޭގައި ލިޔެލާޖަހަން ދަސްކޮށްދޭ މަރުކަޒެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ބ. އަތޮޅާއި ރ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތުޅާދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ލިޔެލާ ޖެހުމަކީ މިހާރު ވަރަށް މަދުން ކުރާ ކަމެއް ކަމަށާއި އެއީ ނެތެމުންދާ ސިނާއަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ލިޔެލާ ޖެހުން ދަސްކޮށްދީ އެހެން ޖީލުތަކަށް އެކަން ފޯރުކޮށްދޭން މަރުކަޒެއް ގާއިމްކުރައްވާނެ ކަމަށެވެ.
"ވަރަށް މަދު އަދި ނެތެމުންދާ ސިނާއަތެއް، ލިޔެލާ ޖެހުން ރާއްޖޭގެ ގައުމިއްޔަތާ ގުޅިފައިވާ، ދިވެހި ވަންތަކަމާ ގުޅިފައިވާ ކަމެއް. އަޅުގަނޑު ދަންނަވާފައިވާނެ ކެމްޕެއިން ތެރޭގައި އެކަން ރައްކާތެރިކުރުމަށްޓަކައި ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދީ، ކިޔަވައިދީ ދަސްކޮށްދޭ މަރުކަޒެއް ގާއިމްކުރަން ޖެހޭކަން. އެކަން ހަނދާން އެބަހުރި. އެއީ ގައުމީ މަސައްކަތެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތުޅާދޫއަކީ ލިޔެލާ ޖެހުމުގެ މައުރަޒުތައް ކުރިއަށް ގެންގޮސް ރަނގަޅު ފައިދާއެއް ހޯދާ ރަށެއް ކަމަށާއި އެ މަނިކުފާނުގެ ވިސްނުންފުޅަކީ އެކަން އިޔާދަކުރުން ކަމަށެވެ.
ލިޔެލާޖެހުމަކީ ލަކުނޑިގަނޑެއްގައި ދިގުހަރުގައި އަޅައިގެން ލިޔާކަށްޓަކުން ކޮށައި އެއަށް ބޭނުންވާ ސިފައެއް ގެނެސް އޭގައި ލާހިއްޕުމެވެ. މި މަސައްކަތުން އުފައްދާ ތަކެތީގެ ތެރޭގައި މާ ޖަހާ އެއްޗެއްސާއި މަލާފަތް ފަދަ ތަކެތި ހިމެނެއެވެ. މިއީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ ވަރަށް ހުނަރުވެރި މަސައްކަތެކެވެ.