ޚަބަރު

ނިލަންދޫ ބަނދަރު މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ފާތިމަތު ލިޔުޝާ

ފ. ނިލަންދޫ ބަނދަރު މަސައްކަތައް ބޭނުންވާ، ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ، ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށާއި އިއްޔެ ވަނީ އެއްގަމުތޮށީގެ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މަސައްކަތު ސައިޓަށް ގެންގޮސްފައި ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 55,141 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 6,933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 2367 މީޓަރުގެ އެއްގަމުތޮށި ލުމާއި، 261 މީޓަރުގެ ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން 75 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 1151 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބޯއީސް ހަރުކުރުމުގެ މަަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއަކީ 61.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ނިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި 25 ވަަނަ ދުވަހު އެވެ.