ބ. އޭދަފުށި ތަރައްގީކުރާނީ އާބަން ސެންޓަރެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން އެ ރަށުގައި ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މެނިފެސްޓޯގައި ފާހަގަކުރައްވާފައިވާނީ ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅުގެ އިތުރުން މެދުރާއްޖެތެރޭގެ ހަތް ރަށެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރެއްވުމަށް ކަމަށާއި އެ ހަތް ރަށުގެ ތެރޭގައި އޭދަފުށި ހިމެނޭ ކަމަށެވެ.
"މި ދަންނަވަން އުޅޭ ވާހަކައަކީ، ދެންމެ މި ދެންނެވި ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ބ. އަތޮޅު އޭދަފުށި ކަމަށް. އެހެންވީމާ ގެދޮރުވެރިކަމުގެ މި ބޮޑު މައްސަލަ ހައްލުކުރާ އިރުގައި، އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުގައި މާލެ ސަރަހައްދު ފިޔަވައި އަޅަން ކަނޑައަޅާފައި މިއޮތް 40،000 ހައުސިން ޔުނިޓުގެ މަޝްރޫއުގައި އެންމެ އިސްކަން ލިބޭ އެއް ރަށް ކަމުގައި މި ރަށް ހަމަޖެހިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް މުއްސަނދިކަމާއި، ކޮންމެ ރައްޔިތެއްގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ފުދުންތެރިކަން އެންމެންނަށް ހަމަހަމަކަމާއެކީގައި ހޯދައިދެވޭނީ އެ ވިސްނުމުގައި މަސައްކަތްކޮށްގެން ކަމަށެވެ. އަދި ސަރަހައްދީ ތަރައްގީގެ ދަށުން ގާއިމުކުރާ އާބަން ސެންޓަރުތައް ހިމެނޭ ސަރަހައްދުތަކަކީ ބޯހިޔާވަހިކަމާއި އެހެނިހެން މަޝްރޫއުތަކަށް ވެސް ހާއްސަ އިސްކަންދެވޭނެ ސަރަހައްދުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ރިޔާސީ ކެމްޕޭންގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ބ. މާއްޑޫ އަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި، މިރޭ އެކަން ވެސް އިއުލާންކުރައްވައިފައެވެ.
"މިރޭ އަޅުގަނޑު އިއުލާންކުރަން އިރާދަކުރެއްވިއްޔާ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ އަޅުގަނޑުމެން ހަމަޖައްސައިފިން. މި ހަފުތާގެ ތެރޭގައި އެކަމުގެ ލިޔެކިޔުން އަޅުގަނޑުމެން ކައުންސިލާ ހަވާލުކުރާނަން. ދެން އެ ރަށުގައި އޭރުން ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ އާއި ހުރިހާ ކަމަކަށް ޕްލޭންކޮށްގެން، ކައުންސިލާއި ސަރުކާރާ ގުޅިގެން ކުރިއަށްގެންދަންވީ ހުރިހާ ކަމެއް ކައުންސިލުން ކުރިއަށްގެންދަވަންވީ. އިރާދަކުރެއްވިއްޔާ އެ ރަށަކީ ތިބޭފުޅުންގެ ކުރިމަގަށް މުހިންމު ރަށެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވައުދެއް ފުއްދެވުމަށް ރައްޔިތުން އެމަނިކުފާނާ ވާލުކުރާނީ އެ ވައުދެއް ފުއްދަވައިދެއްވޭނެކަމުގެ ޔަގީންކަން އޮވެގެން ކަމަށާއި އެމަނިކުފާނަކީ ވައުދަކުން ރެކިވަޑައިގެން އުޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.