ޚަބަރު

ސްޓެލްކޯ އިން ފެނުގެ ހިދުމަތްދޭ ރަށްރަށުން ނަގާ 30 ރުފިޔާގެ ޗާޖު އުވާލަނީ

1

ސްޓެލްކޯ އިން ފެނުގެ ހިދުމަތްދޭ ރަށްރަށުން ނަގާ 30 ރުފިޔާގެ ޗާޖު އުވާލުމަށް ނިންމައިފިއެވެ.

ސްޓެލްކޯ އިން ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ނުވަ ރަށެއްގައެވެ. އެއީ އއ. އުކުޅަސް، އއ. ތޮއްޑޫ، އދ. މަހިބަދޫ، ކ. ގުރައިދޫ، އއ. ރަސްދޫ، ކ. ގުޅި، އދ. ހަންޏާމީދޫ، އދ. މަންދޫ އަދި އއ. މަތިވެރީގައެވެ.

އެ ރަށްރަށުން ހިދުމަތަށް ނަގާ 30 ރުފިޔާ ޗާޖު އުވާލެއްވުމަށް ނިންމެވިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިރޭ ބ. އޭދަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"ސްޓެލްކޯ އެމްޑީ އަޅުގަނޑު ގާތު ދެންނެވި އެބޭފުޅުން ފެނުގެ ހިދުމަތްދޭ ހައެއްކަ ރަށް ރާއްޖޭގައި އޮންނާނެ، އެ ރަށްތަކުން މިހާތަނަށް ނަގަމުން އަންނާނެ 30 ރުފިޔާގެ ޗާޖެއް. އެ 30 ރުފިޔާގެ ޗާޖު ވެސް އެބޭފުޅުން ފެނުގެ ހިދުމަތްދޭ އެ މަދު ރަށްތަކުން އުވާލަން ނިންމައި، އެކަން ވެސް އިއުލާންކުރާށޭ. އެހެންވީމާ އަޅުގަނޑު އެކަން ވެސް މިރޭ އިއުލާންކުރަން، މި އަންނަ މަހުން ފެށިގެން އެކަން ވެސް އުވާލެވިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެފަދަ ލުއިތައް ރައްޔިތުންނަށް ދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާވެރިކަމެއް ކަމަށާއި އިގުތިސާދީ ހާލަތާއެކު ރައްޔިތުން ވެސް ތިބީ ވަރަށް ހާލުގައި ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ އިގުތިސާދުގައި ބުންވަރު ޖައްސަމުން، ރައްޔިތުންނަށް ލުއިތައް ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ކުރިއަށްއޮތް ރަމަޟާން މަހު ކަރަންޓާއި ފެން ބިލު ހުންނާނީ އެހެން މަސްތަކުގައި ވެސް ހުންނަ ވަރުގައި ކަމަށް ވިދާޅުވެފައެވެ. ކިތަންމެ ލޯޑު ބޮޑުވިޔަސް، ރައްޔިތުންގެ އަތުން އިތުރު އެއްޗެއް ނުނަންގަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟