ޚަބަރު

ސަރުކާރު ބައްޔެއް ނުކުރެވޭނެ، އަޅުގަނޑުމެންނަކީ ފިނޑި މީހުންނެއް ނޫން: ސަލީމް

މުހައްމަދު އިޝާން

އިދިކޮޅު އެމްޑީޕީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބައްޔެއް ނުކުރެވޭނެ ކަމަށާއި މި ސަރުކާރުގެ ދިފާއުގައި ތިބި މީހުންނަކީ ފިނޑިން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު އޭދަފުއްޓަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރައްވަނީ ރައީސް މުއިއްޒު ކަމަށް އެމްޑީޕީން ތުހުމަތުކުރާ ކަމަށެވެ. ނަމަވެސް މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދަނީ އެމްޑީޕީން ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ގާނޫނެއް ހަދައިގެން މިނިވަން މުއައްސަސާއެއްގެ މައްޗަށް އެމްޑީޕީން ނުފޫޒު ފޯރުވީ މި ސަރުކާރު ގިނަ ދުވަސްވާ ވަރަކަށް ސަރުކާރު ބަލިކަށިވާނެ ކަމަށް ހީކޮށްގެން ކަމަށެވެ. އަދި މަޖިލިސް އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ހީކޮށްގެން ކަމަށެވެ. ސަލީމް ވިދާޅުވީ މަޖިލިސް އިންތިހާބު، ކޮންމެ ތާރީހެއްގައި ބޭއްވިޔަސް ޕީޕީއެމް/ޕީއެންސީން އެ އިންތިހާބު ކާމިޔާބުކުރާނެ ކަމަށެވެ.

"ގާނޫނު ބަދަލުކޮށްލައިގެން މި މީހުންގެ ނުފޫޒާ ބާރު ފޯރުވައިގެން މި ސަރުކާރު ބަލިކަށިވެދާނެ ކަމަށް ހީކޮށް އެކަން ކުރަން މަސައްކަތްކުރީ. އެހެނެއް ނުވާނެ، އެ ފުރުސަތެއް ނުވެސް ދޭނަން، ދެވަނަ ފަހަރަށް ވެސް އަޅުގަނޑު މި ދަންނަވަނީ އެ ފުރުސަތެއް ނުދޭނަމޭ. އަޅުގަނޑުމެން މިތިބީ ފުރިހަމައަށް ތައްޔާރުވެގެން. އެއްގޮތަކަށް ވެސް ހީކޮށްގެން ނުވާނެ އިނގޭތޯ އަޅުގަނޑުމެންގެ ތެރޭގައި ތިބީ ފިނޑިންނެއް ނޫން.، ހިތްވަރުގަދަ މީހުން،" ސަލީމް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އެމްޑީޕީން ވަނީ ރައީސް މުއިއްޒު އަޒުލުކުރެއްވުމުގެ މަސައްކަތް ފަށާފައި ކަމަށް ސަލީމް ވިދާޅުވިއެވެ. ރައީސް މުއިއްޒު، އަޒުލުކުރެއްވުމުގެ ފުރުސަތު އެމްޑީޕީއަށް ނުދޭނެ ކަމަށާއި އެމްޑީޕީއަށް ރައީސް މުއިއްޒާ ހަމައަށް އާދެވޭނީ "އަޅުގަނޑުމެން ފުނޑާލާފައި" ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ހުރިހާ ރައްޔިތުންނާއި މުޅި ގައުމުގެ މަސްލަހަތުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމު ހިންގެވީ ފައިސާ ޗާޕު ކޮށްގެން ކަމަށާއި ފައިސާ ޗާޕު ކުރުމުގެ މަސައްކަތް ރައީސް މުއިއްޒަށް ވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ މަނިކުފާނުގެ އަރިހުގައި ކުރިއަށް އޮތް ތިން މަހަށް ބޭނުންވާ ވަރަށް ފައިސާ ޗާޕު ކުރުމަށް ދެންނެވިން ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވެފައިވަނީ ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށާއި އެ މަނިކުފާނު މަސައްކަތް ކުރައްވާނީ ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސެވުމަށް ކަމަށެވެ.