ސްރީލަންކާގައި ހައްޔަރުކުރި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހަކު ދޫކޮށްލައިފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ދޫކޮށްލާފައި ވަނީ ލަންކާގައި ދިވެހިން ދިރިއުޅޭ ގެއަކުން އެއާ ގަންއެއް ފެނުން މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންނެވެ. ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ''ވަން އޮންލައިން'' އަށް މައުލޫމާތުދިން ގޮތުގައި މި ހަތަރު މީހުންވެސް ދޫކޮށްލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި މި ހަތަރު މީހުންވެސް ދޫކޮށްލާފައިވަނީ އެއްވެސް ޝަރުތުތަކަކާއި ނުލައެވެ. އަދި މި މީހުންގެ މައްޗަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާކަން އެމްބަސީން ''ވަން އޮންލައިން'' އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުގެ ވާހަކަ ހިމެނޭ ފޮތެއް ދިރިއުޅޭ ގެއިން ފެނުމުގެ ސަބަބުން ހައްޔަރު ކުރި ދެ ދިވެހީން އަދިވެސް ތިބީ ރިމާޑްގައި ކަމަށް އެމްބަސީއިން މައުލޫމާތުދިނެވެ. މިދިޔަ ހޮނިހިރު ދުވަހު މި ދެމީހުންގެ ބަންދަށް މައުންޓްލެވެނިއާގެ މެޖިސްޓްރޭޓް ކޯޓުން ވަނީ 13 ދުވަސް ޖަހާފައެވެ.
މިއަދު ދޫކޮށްލާފައިވާ ހަތަރު މީހުންނަކީ ލަންކާގައި ފްލައިޓް އިންޖިނިއަރިންގ ކިޔަވަމުން އަންނަ އެއް ގެއެއްގައި އުޅޭ ހަތަރު ދަރިވަރުން ކަމަށް މައުލޫމާތު ލިބެއެވެ.