ޚަބަރު

މަޖިލިސް އިންތިހާބު އޮންނަ ދުވަސް ބަންދު ކުރާނަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ ދުވަސް، އާދީއްތަ ދުވަހަކާ ދިމާވާތީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެ ދުވަސް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ ދުވަހު އިންތިހާބު ބާއްވަން ނިންމުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ރަސްމީ ބަންދު ދުވަސްތަކުގައި އިންތިހާބުތައް ބާއްވަނީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއްގެ ފުރުސަތު ގިނަ ބަޔަކަށް ހޯދައިދޭން ކަމަށް ވިދާޅުވެފައެވެ. އަދި އެ ދުވަހު އިންތިހާބު ބާއްވަނީ ރައްޔިތުންނަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް ކަމަށާއި އެ ދުވަހު ސަރުކާރު ބަންދު ނުކުރަން ނިންމާފައިވާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅާއި ބ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރަށް މިއަދު ވަޑައިގެން، ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އަންނަ މަހުގެ 21 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ޖެހުނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި އެ ދުވަސް ދިމާވަނީ އާދިއްތަ ދުވަހަކަށް ކަމަށާއި އެކަން އެމަނިކުފާނަށް އެނގިވަޑައިގަތީ ނޫސްތަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަސް ރަސްމީ ބަންދު ނޫން ދުވަހަކަށް ހަދާފައިވަނީ އެމަނިކުފާނުގެ ނުފޫޒުން، ރައްޔިތުން ވޯޓުލިޔަ ނުދިނުމަށް ކަމަށް ތުހުމަތުކުރަމުންދާ ކަމަށެވެ. ނަމަވެސް އެގޮތަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރިޔަސް، އެއީ ހަގީގަތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން އަޅުގަނޑު އިލެކްޝަންސް ކޮމިޝަންގައި އަހައިފިން ހިކިނެއްހާ މިވަނީ. އެބޭފުޅުން ވިދާޅުވަނީ ރައްޔިތުން މަޖިލީހުން ގާނޫނު ފާސްކުރި ގޮތުން ތިމަންނަމެންނަށް ބޭއްވެން އޮތް ދުވަހަކީ އެޔޭ. ރޯދަ މަސް ނިމިގެން ދިހަ ދުވަސް ހަމަވަނީ އާދިއްތަ ދުވަހަށް. އެ ބޭފުޅުން އާދިއްތަ ދުވަހަށް ހެދީ ގާނޫނުގައި އޮތް ގޮތްވީމަ، އަޅުގަނޑާ މަޝްވަރާ ކުރުމަށްފަހުއެއް ނޫން. ދެން އަޅުގަނޑު ދަންނަވާފައި އޮންނާނީ ތިބޭފުޅުން ތިގޮތަށް ނިންމައި އިއުލާން ކޮށްފައޭ ތިއޮތީ، ދެން އެހެންވީމަ އަޅުގަނޑު އެ ދުވަސް ބަންދު ކުރާނަމޭ." ރައީސް ވިދާޅުވިއެވެ.

އެގޮތަށް ނިންމަވާފައި ވަނިކޮށް، ރައްޔިތުން ވޯޓުލުން މަދު ކުރުވަން ވެގެން އާދިއްތަ ދުވަހު އިންތިހާބު ބާއްވައި އެ ދުވަސް ބަންދު ނުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ ހެއްދެވީ މުޅިން ދޮގު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެ ދުވަސް ބަންދު ކުރަން ނިންމަވާފައިވާ އިރު، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އޭޕްރިލް 21 ވާ އާދިއްތަ އަދި 22 ވާ ހޯމަ ދުވަސްވެސް ބަންދުކޮށް ދިނުމަށް އެދި ރައީސް އޮފީހަށް ހުށަހަޅައިފައެވެ.