އިބްރާހިމް ޒަކީ
ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އެބޭފުޅަކަށް އިހުލާސްތެރިކަމާއެކު މަރުހަބާ ވިދާޅުވާނެ ކަމަށް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމަކީ އިންތިހާބީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެވެ. މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވަނީ މާމިގިލީ ދައިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ހިންގާ ކޯލީޝަންގައި ހިމެނޭ ޕާޓީއަަކަށް ވާއިރު، މަޖިލީހުގެ ރައީސްކަން ދޭން ޖެހޭނީ ޖުމްހޫރީ ޕާޓީގެ މެންބަރަކަށް ކަމަށް ކޯލީޝަންގެ އެއްބަސްވުމުގައި ބުނެފައިވާކަމަށް ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ނިންމަވައިލައްވަމުން ގާސިމް މިއަދު ވިދާޅުވީ، 18 ވަނަ މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ދައުރު މިއަދު ނިމިގެން ދިޔަ ނަމަވެސް މަޖިލިސް ރައީސްގެ ޒިންމާއިން އެމަނިކުފާނު ބަރީއަވާނީ، 19 ވަނަ ރއްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވުމަށް އަންނަ މެއިމަހުގެ 28 ވަނަ ދުވަހު ބާއްވާ ޖަލްސާއަށް ފަހުގައި ކަމަށެވެ. އަދި އެ މެންބަރުން މަޖިލީހަށް ވެދެވަޑައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ދައުރު ނިމިގެން ދިޔަ ނަމަވެސް އެ ޒިންމާއިން އަޅުގަނޑަށް ބަރީއަ ވެވޭނީ މެއި 28 ވަނަ ދުވަހުގެ ޖަލްސާ ބޭއްވުމާ ހަމައަށް، އެ ޖަލްސާ ބާއްވާ ނިމުނީމަ އަޅުގަނޑުގެ ޒިންމާ ނިމިގެންދާނީ، އަދި އެދުވަހަށްފަހު އަލަށް ވަޑައިގަންނަވާ ރައީސަކީ ކޮން ބޭފުޅެއްކަން އަދި ނޭނގޭ. އެހެންވީމަ ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު މަރުހަބާ ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެއްވެސް ފަރާތެއްގެ ނުފޫޒަކަަށް ނުލެނބި ގާނޫނުއަަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ރާއްޖޭގެ ވެރިކަން ނަގަހައްޓައި ދަމަހައްޓައި، ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ނިންމާނެ ބަޔަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.