ޚަބަރު

ރިލްވާން ގެއްލުނު މައްސަލައާ ގުޅޭގޮތުން އެޗްއާރުސީއެމުން ފުލުހުންނާ ބައްދަލުކޮށްފި

އިބްރާހިމް ޒަކީ

ނޫސްވެރިޔާ މ.ޝައިނިންގ ސްޓަރ، ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅޭގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ބައްދަލުކޮށްފިއެވެ.

އެޗްއާރުސީއެމް އިން ބުނީ، ރިލްވާން ގެއްލިފައިވާ މައްސަލައިގައި ފުލުހުން ކުރިއަށްގެންދާ ތަހުގީގު މޮނިޓަރކޮށް، އެ ތަހުގީގު އަވަސްކުރުމަށް ބާރުއަޅަމުންގެންދާ ކަމަށެވެ.

އެގޮތުން މައްސަލައިގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބުގެ އަޕްޑޭޓް ގަވާއިދުން ލިޔުމުން ހޯދުމާއި އެފަރާތާއެކު ބައްދަލުވުންތައް ބާއްވަމުންގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެޗްއާރުސީއެމުން ބުނީ، ރިލްވާންގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިސްތަކުގެ އަޑުއެހުމަށް ކޮމިޝަނުން ކޯޓަށް ހާޒިރުވެފައިވާ ކަމަށެވެ. މީގެއިތުރުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ބައްދަލުވުންތައް ބާއްވާފައިވާ ކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ.

ރިލްވާން އަބްދުﷲ ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ.

ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސް ރިލްވާން ގެއްލުވާލާފައިވާ މަައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައާ ބެހޭގޮތުން އެ ކޮމިޝަނަށް މީހުން ހާޒިރުކޮށް ސުވާލު ކޮށްފައިވާ އިރު، ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން މިހާރު ހޯދިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.