ޚަބަރު

މިއަހަރު ނިމޭއިރު ސޮވެރިން ފަންޑުގައި 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ހުންނާނެ: ރައީސް

މިއަހަރު ނިމޭއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އަލިފުއްޓަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ލޯނުތައް ދައްކަން ގާއިމުކުރި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރުކޮޅު މާރުކޮށް، ހުސްކޮށްލާފައި ހުރުމުން އެ ފަންޑަށް ޑޮލަރު ޖަމާކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަވާ ކަމަށެވެ.

"މިހާރު 30 އަކަށް މިލިއަން ޑޮލަރު ޖަމާވެއްޖެ، އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރު 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ހުންނާނެ އެ އެކައުންޓުގައި. އެނގިވަޑައިގަންނަވާނެ މިއަހަރު އަދި ދެން އަންނަ އަހަރު އެބަހުރި ވަރަށް ގިނަ ބޭރުގެ ދަރަނި ދައްކަން. އެހެންވީމާ މި ބަލަނީ އިގުތިސާދު ފުޅާކުރަމުން، އިންވެސްޓަރުންނަށް އާ ފުރުސަތުތައް ވެސް ދެމުން، އިންވެސްޓާ ކޮންވިޑެންސް، ޔަގީންކަން އިތުރުކޮށްގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރ. އަތޮޅުގައި ވެސް އިތުރު ރިސޯޓުތަކަކަށް ފުރުސަތު ދެއްވުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި ނަމަވެސް ރިސޯޓުތަކަށް ހުޅުވާލުމުގެ ކުރިން އިންވެސްޓަރުންގެ އިތުބާރު ހޯދަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދުގައި ބުންވަރު ހުރިކަން އިންވެސްޓަރުންނަށް ޔަގީންކޮށްދިނުމަށް މަސައްކަތްކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އާމްދަނީ އިތުރުކުރެވޭނެ ގޮތް، ޓެކްސް ބޭސް ފުޅާކުރުމުގެ މަސައްކަތް މި ކުރަނީ. އާ ޓެކްސްއެއް ނަގާ ވާހަކައެއް ނޫން. އެހެންވީމާ މި ހުރިހާ ކަމެއް އެކުއެކީގައި މި ގެންދަނީ ދެންމެ މި ދެންނެވިގޮތަށް ރަށްރަށުގައި އަޅުގަނޑު ވީ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންނަށް އެކަންކަން އަވަސްމިނުގައި ހާސިލުކޮށްދިނުމަށްޓަކައި އާމްދަނީ އިތުރުކުރުމަށްޓަކައި. އެހެންވީމާ ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމުގެ މަސައްކަތް މި ކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަނީ ކުރީ ސަރުކާރުގެ 120 ބިލިއަން ރުފިޔާގެ ދަރަނި ދައްކައި، ނުވަ ބިލިއަން ރުފިޔާގެ ބިލުތައް ދައްކައިގެން ކަމަށާއި ފައިސާ ޗާޕުކުރުން ހުއްޓާލުން ފަދަ ފިޔަވަޅުތައް ވެސް މިހާރު އަޅާފައިވާނެ ކަމަށެވެ.