ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރުމަށް އިއްޔެ ރާއްޖޭގައި ފެށި އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން ބޭނުން ކުރަން ހަމަޖެހިފައިވާ ސީޕްލޭންގެ ދަތުރުތައް މި މަހުގެ 15 ގައި ފަށަން ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ބުނެފިއެވެ.
ހެލްތް މިނިސްޓްރީއާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދޭން ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތުގައި މިވަގުތު ބޭނުން ކުރަމުންދަނީ މޯލްޑިވިއަން އިން ބޭނުން ކުރަމުން އައި ޑޭޝް-8 މަރުކާގެ މަތިންދާބޯޓެކެވެ. އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދޭ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން އެއާޕޯޓެއް ނެތް ކުދި ރަށްރަށް އެ ހިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ސީޕްލޭނެއްގެ ކަންތައް މިހާރުވެސް ހިދުމަތް ލިބޭނެ އެހެން ނަމަވެސް މުޅި ބޯޓު އެގޮތަށް (ސިއްހީ ކަންކަމަށް) ބްރޭންޑް ވެގެން އެ ހުރިހާ ހިދުމަތެއް ފުރިހަމަވެގެން މިއަދަކު އެ ބޯޓެއް ނާދޭ. ނަމަވެސް މި މަހުގެ 15 ހާތަނުގައި އެ ބޯޓުވެސް ހަަމަ އެގޮތަށް ރެޑީވާނެ،" ސަލީމް ވިދާޅުވިއެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދުގެ ދަށުން އިއްޔެ އެ ހިދުމަތް ފެށި އިރު، ރޭ ވަނީ ފުރަތަމަ ދަތުރު ކުޅުދުއްފުށި ސިޓީއަށް ބާއްވައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި، އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހާއްސަކޮށްގެން 15 ސިއްހީ ހިދުމަތްތެރިއަކު ވަނީ ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުންގެ އިތުރުން ފަސް އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ