ޚަބަރު

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާ ފަރާތްތަކަށް މިހާރު އޮންލައިންކޮށް ފައިސާ ދެއްކޭނެ

އަލީ އިހްސާން

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާ ފަރާތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެގޮތް ހަމަޖައްސައިފިއެވެ.

މޯޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަަތްތަކުގެ ފެންވަރު ރަނގަޅުކޮށް ދިނުމުގެ ގޮތުން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓުގެ ހިދުމަތަށް އެދެވޭނެ ގޮތް ފަހިކޮށްދީފައި ކަމަށާއި، މި ހިދުމަތް އިތުރަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން އީމެއިލް މެދުވެރިކޮށް ފޮނުވާ ލިންކްއަކުން ޕާސްޕޯޓަށާއި ރެވެނިޔު ސްޓޭމްޕަށް ފައިސާ ދެއްކޭނެ ހިދުމަތް މިއަދުން ފެށިގެން ހަމަޖެހިފައިވާނެ ކަމުގައެވެ.

އަދި މިއާއެކު ކުރިން 48 ގަޑިއިރުން ދެމުންގެންދިޔަ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް މިއަދުން ފެށިގެން 24 ގަޑިއރު ތެރޭގައި ދެވޭނެކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އިމިގްރޭޝަނުން ބުނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓްގެ ހިދުމަތް ފެށުނުއިރު ފައިސާ ދެއްކުމަށާއި އޭގެ ފަހުން ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނަށް ވަޑައިގަންނަވަން ޖެހޭ ކަމަށާއި ނަމަވެސް އޮންލައިންކޮށް ފައިސާދެއްކޭ ގޮތަށް ހަމަޖެހިގެން ދިއުމުން މިހާރު ހަމައެކަނި ވަޑައިގަންނަވަން ޖެހޭނީ ފާސްޕޯޓާ ހަވާލުވުމަށް އެކަންޏެވެ.