އިބްރާހިމް ޒަކީ
ނިމެމުންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ، މަސައްކަތްތަކުުގެ ތެރެއިން ނުވަދިހަ ހަތަރެއް އިންސަައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މެންބަރުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ މަސައްކަތްތަކަށް ބައްލަވާލައްވައި ގާސިމް ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ޖުމްލަ 174 ބިލާއި ހަތް ގަރާރުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅުއްވާފައިވާ 154 މައްސަަލަ އާއި ރިޔާސަތުން ހުށަހަޅުއްވާފައިވާ 26 މައްސަލއިގެ އިތުރުން، މެންބަރުން ހުށަހެޅުއްވި 19 މައްސަަލަ ނިންމަވާފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ 5 ބަޖެޓާއި އެއް ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްދެއްވާފައިވާ ކަމަށާއި، އެކި މައްސަލަަތަކާގުޅޭ 151 ރިޕޯޓް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަޒީރުންނާ 60 ސުވާލު ކުރައްވާފައިވާ ކަމަށެވެ.
"ޖުމްލަ އިންސައްތައަށް ބަލާލާއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ޖުމްލަ ނުވަދިހަ ހަތަރެއް އިންސައްތަ މަސައްކަތް ވަނީ ނިންމަވައިފަ އެއީ ވަރަށްބޮޑު އަދަދެއްގެ މަސައްކަތް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިގެންދާއިރު، ވަރަށްމުހިއްމު ބިލުތަކެއް މަޖިލީހުގައި އަދިވެސް އެބަހުރިކަމަށެވެ.
"ވަރަށް މުހިއްމު ބިލުތަކެއް އެބަހުރި އިބްތިދާއީ ބަހުސްގެ މަރުހަލާގައި،" ގާސިމް ވިދާޅުވިއެވެ.
މަޖިލީހުގެ ފަހު ޖަލްސާއާއެކު މިއަހަރުގެ ފުރަތަމަ ދަރުއު ނިންމައި މިއަދުންފެށިގެން މަޖިލިސް ވަނީ ޗުއްޓީއަކަަށް ގޮސްފައެވެ.
އެއްމަސް ދުވަހުގެ ޗުއްޓީއަށްފަހު ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ މިހާރު އިންތިހާބު ކޮށްފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހާއެކުގައެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން މީގެ ކުރިން ކުރެއްވި އަބުދުﷲ މަސީހަށާއި، ނާއިބު ރައީސްކަން ކުރެއްވި ރީކޯ މޫސާ މަނިކުގެ އިތުރުން މަޖިލީހުގެ އެންމެހާ މެންބަރުންނަށާއި، މަޖިލީހުގެ މުވައްޒިފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.