ރޯދަ މަހަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެނައި ފިޔާ، ބިސް އަދި އަލުވި ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ، މިއަހަރުގެ ރޯދަޔަށް ގެނައި ފިޔާ، ބިސް އަދި އަލުވީގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސް މާކެޓަށް ނެރެ، އިއްޔެއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނާއި އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި ހޯލްސޭލްކޮށް މުދާ ދޫކުރާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ކަމަށެވެ.
އެ ތިން ބާވަތް ހުސްނުވެ ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް، އެ ތިން ބާވަތުގެ އިތުރު ޝިޕްމެންޓްތަކެއް ރާއްޖެ ގެނައުމަށް ރާވާފައިވާ ކަމަށެވެ. އަދި އެ ތަކެތި ގެނައުމަށް ރާވާފައިވާނީ މާކެޓް ސްޓޭބަލައިޒް ކުރުމަށް ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
އެކުންފުނިން ބުނީ، އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ 11 ފިހާރަތަކުން ފިޔާ، ބިސް އަދި އަލުވި ފޮނުވާނެ ކަމަށެވެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށެވެ.
މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެންނާނެ ކަމަށެވެ.
އޭގެތެރޭގައި، ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބެން ހުންނާނެ ކަމަށާއި މާކެޓްގައި ޒަރޫރީ ބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަނަމަ އަގު ކޮންޓްރޯލް ކުރުމަށް އެކުންފުނިން މަސައްކަތްވެސް ކުރާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ފިޔާ ކިލޯއް ވިއްކަނީ 20 ރުފިޔާއަށް، އަލުވި ކިލޯއެއް 15 ރުފިޔާއަށް އަދި ބިހެއް 1.75 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.