ޚަބަރު

ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު ވަގުފު އިމާރާތް ހުޅުމާލޭގައި

ފާތިމަތު ލިޔުޝާ

މިހާތަނަށް ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު ވަގުފު ޕްރޮޖެކްޓް، ހުލުމާލޭގައި ހެދުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު މިއަދު ފޭސްބުކްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އެއީ "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް"، މަލްޓިޕޯޕަސް ބިލްޑިންއެއް ކަމަށާއި އެ ޕްރޮޖެކްޓް ފަށާނީ ހުޅުމާލޭގައި ކަމަށެވެ.

"ރާއްޖޭގައި މިސްކިތު ފަންޑުގެ ވަގުފްގެ މަސައްކަތް ފެށީ 2012 ވަނަ އަހަރު. 'މިސްކިތު ފަންޑު' ފެއްޓީ އިސްލާމިކް މަރުކަޒު ކައިރީ ކުޑަ ފޮއްޓެއް ބަހައްޓައިގެން އެ މަސައްކަތް، ޓެލެތޯންއަކަށް ބަދަލުވެގެން ފައިސާ ޖަމާކުރައްވަމުން ގެންދިޔަ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އޭގެ ފަހުން ރައްޔިތުންގެ އެހީތެރިކަމާއެކު ފަހުން ވަގުފް ބިލްޑިންއެއް އިމާރާތްކޮށް، އަހަރަކު ހަ މިލިއަން ރުފިޔާ މިސްކިތު ފަންޑަށް ޖަމާވަމުން ދިޔަ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ހުރިހާ ސިޓީތަކުގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް އިތުރު ވަގުފު ބިލްޑިންތައް ގާއިމުކުރުމުގެ މަސައްކަތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފާއިތުވި 100 ދުވަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު އެއް މަސައްކަތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތްތައް އިތުރުކުރުމަށް ވަނީ ހިމަނައިފައެވެ.

މާލެ އާއި ރަށްރަށުގައި މިސްކިތް އިމާރާތްކޮށް، އެ ތަންތަން މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަގުފު އިމާރާތެއް ފުރަތަމަ އިމާރާތްކުރަން ފެށީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޝަހީމްގެ މިނިސްޓަރުކަމުގައެވެ.

މާފަންނު މަދަރުސާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތްކޮށްފައިވާ 10 ބުރީގެ އެ އިމާރާތް ރަސްމީކޮށް ހުޅުވީ 13 ޖެނުއަރީ 2017 ގައެވެ. ދާރުލްއީމާންގެ ނަން ދީފައިވާ އެ އިމާރާތުން މިހާރުވެސް އަހަރަކު ހަ މިލިއަން ރުފިޔާ މިސްކިތް ފަންޑަށް ލިބެއެވެ.