ޚަބަރު

ޗައިނާ އީސްޓާންގެ ދަތުރުތައް އާ މަންޒިލަކުން ރާއްޖެއަށް ފަށައިފި

ޗައިނާގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިން 'ޗައިނާ އީސްޓާން'ގެ ދަތުރުތައް ޗައިނާގެ ވިޔަފާރީގެ މަރުކަޒެއް ކަމަށްވާ ކުންމިން އިން ރާއްޖެއަށް ފަށައިފިއެވެ.

ޗައިނާ އީސްޓާންގެ މި ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓް އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގު ލިޒިން އެވެ.

ޗައިނާ އީސްޓާން އިން ކުންމިން އާއި ރާއްޖެއާ ދެމެދު ހަފުތާގެ ހުރިހާ ދުވަހަކުވެސް ފްލައިޓު ބާއްވަން ވަނީ ނިންމާފައެވެ.

ޗައިނާ އީސްޓާންއަކީ ކޮވިޑުގެ ބަލިމަޑުކަމާ ހުރެ ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލި ފަހުން ރާއްޖެއަށް ދަތުރު ފެށި އެ ގައުމުގެ ދެވަނަ އެއާލައިނެވެ. ކޮވިޑަށްފަހު އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށީ 4 ފެބްރުއަރީ 2023ގައެވެ.

ޗައިނާ އީސްޓާންގެ ދަތުރުތައް އާ މަންޒިލަކުން ރާއްޖެއަށް ފެށި އިރު، މި މަހުގެ ކުރީކޮޅު ޝިއަމަން އެއާ އިންވެސް ވަނީ ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވަނީ ފުޖިއާންއާ ދެމެދުއެވެ.

މި ވަގުތު ހަތަރު އެއާލައިނަކުން ޗައިނާ އިން ރާއްޖެއާ ދެމެދު ދަތުރުތައް ބާއްވާއިރު، ޗައިނާއަކީ އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 52،995 ޓޫރިސްޓުން އައިސްފައިވެއެވެ. އެއީ މިހާތަނަށް ރާއްޖެ އައި 356،323 ޓޫރިސްޓުންގެ 13.3 ޕަސެންޓެވެ.