ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައައިއޭ)ގައި 'ސްމާޓް ގޭޓް'ގެ ހިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.
މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.
ސްމާޓް ގޭޓުގެ ހިދުމަތް މިއަދު ތައާރަފުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ވީއައިއޭގެ ޕެސެންޖާ ޓާމިނަލުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދާއި ކަސްޓަމްސްއާއި އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން އަދި ވީއައިއޭގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެ ހަފުލާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ސްމާޓް ގޭޓުގެ ސަބަބުން އެއާޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، އަވަސް ހިދުމަތެއް ދިނުމަށް މަގުފަހި ކުރެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ އެއާޕޯޓުގެ ސްޓޭކް ހޯލްޑަރުންނާއި އެންފޯސްމަންޓް އެޖެންސީތަކާ ގުޅިގެން، މި އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަކޮށް ހިދުމަތްދިނުމަށް ތައްޔާރަށް. މިއަދު މި ފެށުނީ އޭގެ ތެރެއިން މުހިންމު ކަމެއް. މީގެ ސަބަބުން ފަސިންޖަރުންނަށް ދެވޭ ހިދުމަތް އަވަސްވެ، ދިމާވާ އިންކޮންވީނިއަންސް ހައްލުކުރެވޭނެ،" ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލް އާއި ކަސްޓަމްސް ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަށްވެފައި، އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ އިރު، ވީއައިއޭ އިން ދޭ ހިދުމަތަކީ ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން އަވަސް އަދި ލުއިފަސޭހަ ހިދުމަތަކަށް ވުމަކީ ރާއްޖޭގެ އިގުތިސާދަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ސްމާޓް ގޭޓް ވެގެންދާނީ ދަތުރުވެރިންނަށް ފަސޭހަކަމާއެކު ކަސްޓަމްސް ކްލިއަރަންސް ފުރިހަމަކުރުމަށް މުހިންމު ވަސީލަތަކަށް ކަމަށް އެމްއޭސީއެލް އާއި ކަސްޓަމްސް އިން ބުންޏެވެ.
މި ވަގުތު ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ދަތުރުވެރިންގެ ލަގެޖް ސްކޭންކުރަމުންދާ އިރު، އިތުރަށް ބަލަންޖެހޭ ލަގެޖުތަކުގައި ރަތް ސްޓިކާ ހަރުކުރެވި، "ރެޑް ޗެނަލް" އިން ލަގޭޖުތައް ހުޅުވައި، އިތުރަށް ބަލައި ފާސްކުރަމުންގެންދެއެވެ.
ނަމަވެސް ސްމާޓް ގޭޓު ހިދުމަތާއެކު، ކުރިން ބޭނުންކުރަމުން އައި ރަތް ސްޓިކާގެ ބަދަލުގައި ދެން ބޭނުންކުރަމުންދާނީ "ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން (އާރްއެފްއައިޑީ) ޓެގް" އެވެ. މި ޓެގް ހަރުކުރާ ލަގޭޖުގެ ވެރިފަރާތުން ރެޑް ޗެނަލަށް ވަޑައިގެން ކަސްޓަމްސް ކްލިއަރަންސް ހޯދަން ޖެހޭނެއެވެ. އަދި ކަސްޓަމްސް ކްލިއަރަންސް ފުރިހަމަނުކޮށް ނުކުތުމަކީ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ ހިލާފު ކަމެކެވެ.
އެގޮތަށް ނުކުންނަން މަސައްކަތްކުރާ ދަތުރުވެރިންގެ ލަގޭޖް ސްމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާނެެއެވެ. މީގެ އިތުރުން، އެ ހިދުމަތާއެކު ގްރީން ޗެނަލުން ކްލިއަރަންސް ލިބެންޖެހޭ ދަތުރުވެރިންގެ ކްލިއަރަންސް ޕްރޮސެސް އިތުރަށް އަވަސްވެ އެއްވެސް ހުރަހެއް ނެތި، ފުރިހަމަ ކުރެވިގެންދާނެއެވެ.
އެމްއޭސީއެލް އާއި ކަސްޓަމްސް އިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްމާޓް ގޭޓުގެ ހިދުމަތް ގާއިމުކުރުމާއެކު، އެ އެއާޕޯޓުން ހިދުމަތް ހޯދާ ދަތުރުވެރިންގެ ކްލިއަރަންސް ވަރަށް ބޮޑަށް އަވަސްވެ ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ހިދުމަތް ގާއިމުކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިން އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވައި، އަދި އެ ނޫނަސް ގާނޫނާއި ގަވާއިދާއި ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ ރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ގާނޫނާއި ގަވާއިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.