ޚަބަރު

އާ ގާނޫނު އަސާސީއާއެކު މަގާމު ނިމުމަކަށް އައި އުއްތަމަ ފަނޑިޔާރަށް އިނާޔަތްދޭން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

މިިހާރު އަމަލު ކުރަމުން މިދާ ފެހި ގާނޫނު އަސާސީއާއެކު މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް، ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

ދެހާސް އަށްވަނަ އަަހަރު ތަސްދީގްކުރި، ފެހި ގާނޫނު އަސާސީއާއެކު މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ، ދިގު މުއްދަތެއް ވަންދެން އުއްތަމަ ފަނޑިޔާރުގެ މަގާމު އަދާކުރެއްވި، ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހީމްއެވެ.

އެމަނިކުފާނަށް އިނާޔަތްތައް ލިބޭގޮތަށް ގާނޫނަށް ހުށަހެޅި މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 25 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލް ފާސްނުކުރުމަށް 20 މެންބަރުން ވޯޓު ދެއްވިއެވެ. މި ބިލް ފާސްކުރަން ބޭނުންވަނީ 23 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި މި ބިލްގައި ވަނީ، ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ވަކިވުމަކީ ތަހުޒީބްވެފައިވާ މުޖުތަމައުތަކުގައި އާންމު އުސޫލެއް ކަމަށާއި އެގޮތުން 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރުމުގައި ދެމި ހުރި ބޭފުޅެއް ކަމަށެވެ.

އަދި ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކާއި، ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަކީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ މީހެއް ކަމަށެވެ. އަދި އެ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ދައުލަތުގެ ފަރާތުން ލިބިދޭންޖެހޭނެ ކަމަށް ވެސް އެ ބިލްގައި ވެއެވެ.