ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އިސްލާމިކް މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ އެ އެެއްބަސްވުމުގެ ބޭނުމަކީ ކޮރަޕްޝަނާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭސީސީން ދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމުގައި ދެ ފަރާތުން ގުޅިގެން ކުރާނެ މަސައްކަތްތައް ކަނޑައެޅުމާއި، ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމުގައާއި މައްސަލަތަކާ ގުޅިގެން ދިމާވާ ކަންކަމާއި ފީޑްބެކް ޕޮރޮސެސްއެއް ގާއިމުކޮށް އަމަލުކުރާނެ ގޮތްތަކެއް ކަޑައެޅުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް އަދި އެހެނިހެން ފަރާތްތަކަށް މައުލޫމާތު ދިނުމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމާ ބެހޭގޮތުން ގާއިމުކުރި އެއްބަސްވުމެއް ކަމަށެވެ.
" ކޮރަޕްޝަނަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް. އެފަދަ އަމަލުތަކަށް އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ. އޭގެތެރޭގައި އިދާރީ ކޮރަޕްޝަނާއި އަދި ފައިސާއާ ގުޅުންހުރި ކަންތައްތަކާއި ނުފޫޒުގެ ބޭނުންކުރުމާއި މިފަދަ އެއްވެސް އަމަލެއް ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތަކުން ޖާގައެއް ނުދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވަނީ، އަދުލުވެރިކަމާއި އިންސާފުވެރިކަމާއި އަދި އިހުސާންތެރިކަމާއެކު އިސްލާމިކް މިނިސްޓްރީ ކުރިއަށްދާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ، އެ އެއްްބަސްވުމުގައި ސޮއިކުރުމަކީ އެ ކޮމިޝަނުން ކުރާ އެ މުހިންމު މަސައްކަތުގައި އިސްލާމިކް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
"މިއީ ގަނޑެއްގައި ސޮއިކޮށްފައި ބޭއްވިފައި އޮތް އެއްޗެއްގެ ބަދަލުގައި މިކަން އެހެން ހަރުފަތަކަށް ގޮސް، އަހަރީ ޕްލޭނަކާއެކު މިކަންކަން ތަންފީޒުކުރުމަށް ތަންޒީމުވެގެން (ފުރިހަމަވެގެން) އަންނާނެ ތަން ދެކެން ބޭނުން،" ޝާމިލް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ޝަހީމް ވަނީ ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރާ މަސައްކަތްތަކަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.