ޚަބަރު

މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން ޖެނުއަރީ 14ގެ ނިޔަލަށް ނުދައްކާ ހުރި ބިލްތަކަށްވާ 105 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ މީޑިއާ އޮފިސަރު އަހުމަދު ނަވާޒް ރަޝީދު މިއަދު "ވަން" އަށް ވިދާޅުވީ، އަށެއް ޖެނުއަރީން 14 ޖެނުއަރީއަށް ނުދައްކާ ހުރި ބިލުތަކަށްވާ 35 މިލިއަން ރުފިޔާ އިއްޔެ ދައްކާފައިވާ ކަމަށެވެ. އެއާއެކު މިދިޔަ ހަފުތާގައި ދެއްކި 70 މިލިއަން ރުފިޔާ އާއެކު ޖުމުލަ 105 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެގެ ނިޔަލަށް މަސްވެރިންނަށް 100 މިލިއަން ރުފިޔާ ދޫކުރައްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިދިޔަ ބުދަ ދުވަހު 'ވަން' އަށް ވިދާޅުވެފައެވެ.

އެ ފައިސާ ހަމަޖެއްސީ މިފްކޯއަށް ލިބެން ހުރި ބައެއް ފައިސާގެ އިތުރުން ދައުލަތުން ދެ ސަބްސިޑީ ފައިނޭންސް އިން މެނޭޖުކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.