ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
ސުޕްރީމް ކޯޓަށް ހާޒިރުވެވަޑައިގެންނެވުމަށް އަންގައި، އެ ކޯޓުުން އިންތިއަށް ފޮނުއްވާފައިވާ ޗިޓުގައި ވަނީ، ސުޕްރީމް ކޯޓުގެ ބޭނުމަކަށް މާދަމާ 8:30 އަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ހާޒިރުވާން އަންގާ ކަމަށެވެ.
އިން މި ހާޒިރު ކުރަނީ ސުޕްރީމް ކޯޓާ ބެހޭގޮތުން ދައްކަވަމުން ގެންދަވާ ވާހަކަ ތަކަކާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާާ ތަކުގައި ސުޕްރީމް ކޯޓަށް ނިސްބަތް ކުރައްވައި އިންތި ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް އިންތިވަނީ، "ވަކަރުގެ" އަށް ނިސްބަތް ކުރައްވައި ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ޝަރުއީ ނިޒާމް އިސްލާހު ކުރައްވާނެ ކަމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދުރު ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އިންތި ވަނީ ތަކުރާރު ކުރައްވައިފައެވެ.
މަޖިލިސް ޖަލްސާގައި އިންތި މިއަދު ވިދާޅުވީ، މާދަމާ 8:30 އަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވާފައި ވަނީ ބިރު ދެއްކުމަށް ކަމަށާއި، ސުޕްރީމް ކޯޓު ދެކެ ބިރު ނުގަންނަ ކަމަށެވެ. އަދި ދެމި ހުރިހާތަށް ދުވަހަކު ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ވާހަކަ ދެއްކުމުމުގެ މިނިވަން ކަމަކީ އިންސާނަކަށް ވީތީ ލިބިގެންވާ މިނިވަން ކަމެއް ކަމަށާއި އެއީ ސުޕްރީމްކޯޓުން ދޭ ހައްގެއްނޫންކަމަށެވެ.
އިންތި ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާއިރު މީގެ ކުރިން، މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު އާއި، ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު މޫސާ ސިރާޖު، ސުޕްރީމް ކޯޓާބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ވަނީ އެ ކޯޓަށް ހާޒިރު ކޮށްފައެވެ.