ޚަބަރު

މާލީ ބަޔާން ހުށަނާޅުއްވާ ކެނޑިޑޭޓުންނަށް ދައުވާކުރަން ފޮނުވަނީ

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކޮށްފައިވާ ބޭފުޅުންގެ ތެރެއިން، ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅުއްވާ ބޭފުޅުންނަށް ދައުވާ ކުރުމާބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު ގޮތެއްނިންމާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ގާނޫނާ އެއްގޮތަށް މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް ދައުވާ ކުރުމަށް ކޮމިޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެ ފަރާތްތަކަށް ދައުވާ ކުރުމަށް ފޮނުވަން މަސައްކަތް ކުރަމުން މިދަނީ، ނަމަވެސް އެކަން ނިންމާނީ، ކޮމިޝަނުން އެކަމަށް ގޮތެއް ނިންމައިގެން. އެކަމަށް މިއަދު ކޮމިޝަނުން ގޮތެއްނިންމާނެ،" އަކުރަމް ވިދާޅުވިއެވެ.

ވަކި އަދަދެއް ވިދާޅުނުގެ އަކުރަމް ވިދާޅުވީ، މާލީ ބަޔާން ހުށަހަނާޅުއްވާ ހުރިހާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުއްވާނެ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވި ކެނޑިޑޭޓުން، މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12:00 އަށެވެ.

އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، ކަނޑައެޅިފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ހުށަހެޅުއްވީ، އޭގެ ތެރެއިން 347 ކެނޑިޑޭޓުންނެވެ. އެހެންކަމުން 39 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅުއްވައިފައެއްނުވެއެވެ.

މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ، އަމިއްލަ ގޮތުން ވާދަ ކުރެއްވި 31 ކެންޑިޑޭޓުންނާއި، ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނާއި، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ދެ ކެންޑިޑޭޓުންގެ އިތުރުން އެމްޓީޑީއިން ވާދަކުރި ދެ ކެންޑިޑޭޓުންނާއި އަދާލަތު ޕާޓީގެ ކެނޑިޑޭޓަކާއި ޕީއެންސީގެ ކެންޑިޑޭޓެކެވެ.

މީގެ ތެރޭގައި މަޖިލީހަށް ހޮވިވަޑައިގެންނެވި އެއްވެސް މެންބަރަކު ހިމެނިވަޑައެއް ނުގަންނަވައެވެ.

ގާނޫނަށް ބަލާއިރު، މާލީބަޔާން ހުށަހަނާޅުއްވާ ފަރާތްތަކުގެ އަދަބަކީ ހަ މަސްދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.