ޚަބަރު

މާހެފުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދު ކަނޑާލައިފި

އިބްރާހިމް ޒަކީ

ކުރިއަށްއޮތް ރަމަލާން މަހަށް، މާހެފުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދު ކަނޑާލައިފިއެވެ.

ނުވައެއްޖަހާއިރު، ފަށަން އޮތް ނަމަވެސް، ކޯރަމް ހަމަ ނުވެގެން ފަސް ކުރުމަށްފަހު 10:00 ގައި ފެށި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި، ކުރިއަށްދިޔައީ، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ހުށަހަޅާފައިވާ ބިލުގެ ބަހުސްއެވެ.

އެ ބިލުުގެ ބަހުސްގެ މެދުތެރެއިިން 10:27 ގައި މަޖިލީހުގެ ޖަލްސާ މެދު ކަނޑުއްވާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، މިއަދަކީ މަޖިލީހުގައި މާހެފުން ބާއްވާ ދުވަސް ކަމަށެވެ.

އެ މާހެފުމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ސަރުކާރުގެ މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ނިމެމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ހިންނަވަރު ދާއިރާގެ މެންބަރުގެ ގޮތުގައި އިންނަވައިގެން ވަރަށްގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ގޮތުގައި ވެސް އިބޫ ވަރަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖަލްސާ މެދުކަނޑުއްވާލައްވަމުން ގާސިމް ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާ ފަށާނީ 11:30 ގައި ކަމަށެވެ.