ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ އިންވެސްޓަރުން ބޭނުންވާ ކަމަށާއި މި ސަރުކާރުން އެޅި އިގުތިސާދީ ފިޔަވަޅުތަކާއެކު ބޭރުގެ އިންވެސްޓަރުންނަށް މިހާރު އިތުބާރު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން އެޅި އިގުތިސާދީ ފިޔަވަޅުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އިސް ބޭފުޅުން ވެސް ތައުރީފުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ނިންމުންތަކުގެ މަތީގައި ދެމިތިބެ، ސަރުކާރުން ކުރާ މަސައްކަތުން ކުރިއަށްއޮތް ދުވަސްތަކުގައި އިގުތިސާދީގޮތުން ދާން ބޭނުންވާ މިސްރާބަށް ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ ކީއްވެގެންތޯ، އެއީ އިންވެސްޓަރުން ރާއްޖެއަށް އެބަ ބޭނުންވޭ. ސަރުކާރުގެ ބަޖެޓުގެ ތެރެއިން ހުރިހާ ކަމެއް ނުކުރެވޭނެ. ބޭރުގެ އިންވެސްޓަރުން، ޕްރައިވެޓް ސެކްޓާ ލީޑުކުރާ އިންވެސްޓްމަންޓުތަކަށް އަޅުގަނޑުމެން ޖާގަ ހުޅުވާލަން ޖެހޭ. އެކިކަހަލަ ބޮޑެތި ވިޔަފާރިތައް ރާއްޖެއަށް އެބަޖެހޭ އެޓްރެކްޓްކުރަން. އެކަން ކުރެވޭނީ، އެމީހުންގެ ހިތަށް، އެމީހުންގެ ބިޒްނަސްއަށް ޔަގީންކަން ރާއްޖެއާ މެދުގައި ކޮންފިޑެންސް އުފައްދައިގެން ނޫނިއްޔާ ނުވާނެ ކަމެއް އެއީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަސޭހަ ގޮތް ހިޔާރުކުރި ނަމަ، ބާރަށުގެ އިކޯ ޓޫރިޒަމް މަޝްރޫއަށް ވެސް އެއްވެސް ބަޔަކު ކުރިމައްޗެއް ނުލާނެ ކަމަށާއި ފައިސާ ޗާޕުކުރަމުން ފަސޭހަ ގޮތްތައް ހިޔާރުކުރި ނަމަ، އެ މަޝްރޫއުތަކަށް ޝައުގުވެރިވާނެ ބަޔަކު ނުހުންނާނެ ކަމަށެވެ. އަދި އެކަމަށް ފިޔަވަޅުތަކެއް ނެގުމުން މިހާރު އިންވެސްޓްމަންޓުތަކަށް ހުޅުވާލީމާ، އެ މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތައް ތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ އެމީހުންނަށް ޔަގީންކަން ލިބިގެންދާނެ އަޅުގަނޑުމެން މިދާ މަގުން ދިޔައީމާ އެމީހުން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓުގެ ވެސް ނަފާ ލިބި، އެމީހުންނަށް ވެސް ލިބޭނީ ކުރިއެރުންކަން، އެމީހުންގެ ބިޒްނަސްއަށް ވެސް ލިބޭނީ ފައިދާކަން. އެހެންވީމާ އިންވެސްޓާ ކޮންފިޑެންސް ރާއްޖެއަށް އަނބުރާ ގެނައުމަށްޓަކައި ފަށާ މަސައްކަތް ކުރިއަށް މިދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ތަރައްގީގެ ހަރަކާތް ކަމަށްވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިހަވަންދިއްޕޮޅުގައި ކުރިއަށްގެންދާނީ ސަރުކާރު ހިއްސާވާ އެންމެ ބޮޑު ފަސް ކުންފުނި ހިމެނޭގޮތަށް އުފައްދާފައިވާ "މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން" ކުންފުނިން ކަމަށެވެ. އަދި އެއީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ކުންފުނިކަން ރައީސް ފާހަގަކުރެއްވިއެވެ.