އިބްރާހިމް ޒަކީ
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ، ކޯރަމް ހަމަ ނުވެގެން ގަޑިއަށް ނުފެށި ފަސް ކުރުމަށްފަހު، 10:00 ގައި ފަށައިފިއެވެ.
މިހާރު އޮތް މަޖިލީހުގެ ކޯރަމް އަކީ 22 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުންގެ މެދުގައި ބޮޑެތި، ހިޔާލު ތަފާތު ވެފައިވާ، އާ ގާނޫނު އަސާސީއާއެކު މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް، ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ހުށައެޅި އިސްލާހާ މެދު ގޮތެއް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ދެހާސް އަށްވަނަ އަަހަރު ތަސްދީގްކުރި، ފެހި ގާނޫނު އަސާސީއާއެކު މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ، ދިގު މުއްދަތެއްވަންދެން އުއްތަމަ ފަނޑިޔާރުގެ މަގާމު އަދާކުރެއްވި، ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހީމްއެވެ.
މި އިސްލާހަށް ދެކޮޅު ހައްދަވައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، އެބޭފުޅުންގެ ބޮޑު މެޖޯރިޓީއެއް ހިިމެނޭ، ދެން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު އުވާލާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގަތުމުންވެސް އެ މެންބަރުންނަށް އިތުރު އިމްތިޔާޒު ތަކާއި އިނާޔަތްތައް ލިބޭގޮތަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުހައްމަދު ހުށައެޅުއްވި އިސްލާހަށް ބަހުސް ކުރުމަށްވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ.
އެ އިސްލާހުގައި ބުނެފައިވަނީ މަޖިލިސް މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އަދި އޭނާގެ އަނބިންނާއި ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންނަށް ހެލްތު އިންޝުއަރެންސް ސްކީމާއި، ޑިޕްލޮމެޓިކް ޕާސްޕޯޓްވެސް ލިބެންވާނެކަމަށެވެ. އަދި މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއަރޕޯޓުން ވީއައިޕީ ދޭންޖެހޭގޮތަށް، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ، ހަމަ އެ ގާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހަށްވެސް މިއަދު ބަހުސް ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން، ހަމަ އެ ގާނޫނަށް ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ރަޝީދު ހުށަހެޅުއްވި އިސްލާހުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހުވެސް ވަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެެވެ.
ޔާމީން ހުށައަޅުއްވާފައިވަނީ މަޖިލީހުގެ މެންބަރުކަމުން ވަކިވުމަށްފަހު ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާނަމަ އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެކަމަށް ގާނޫނުގައި ބުނާ މާއްދާ އުވާލުމަށާއި، މެންބަރުކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތްތަކުގެ ގޮތުގައި، ކަނޑައަޅާފައިވާ ބަޔަށް މެންބަރުންނަށް ލިބޭ އިނާޔަތްތައް ވެސް ހިމެނުމަށެވެ. އެބައިގައި މިހާރު އޮންނަނީ މަޖިލީހުގެ މެމްބަރުކަން އެއް ދައުރު އަދާކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 އިންސައްތަ ދޭންޖެހޭނެ ކަމަށެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި ފުރަތަމަ ފަށާފައިވަނީ، ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްއެވެ. ނަމަވެސް 10:30 ގައި ޖަލްސާވަނީ މެދު ކަނޑައިލައްވައިފައެވެ.