ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ސިއްހީ މަޖައްލާއެއް ނެރުމަށް ނިންމައިފި

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ސިއްހީ މަޖައްލާއެއް ނެރުމަށް ނިންމައިފިއެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގެ ނަވާރަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި "ދޯދި" އޮންލައިން ޖާނަލް ނުވަތަ މަޖައްލާ އިފްތިތާހުކޮށްދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއެވެ.

މި މަޖައްލާ އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ޑރ. އިބްރާހީމް ހަސަން ވިދާޅުވީ މިފަދަ ޖާނަލްއެއް ނެރުމަކީ ވަރަށް މުހިއްމު ކަމެއްމަށާއި ރާއްޖޭގައި މިފަދަ މައުލޫމާތު ޝާއިއުކޮށްފައިވާ މިންވަރު މަދުކަމުގައެވެ. އަދި މި ހެލްތު ޖާނަލް ވެގެންދާނީ ސިއްހީ ދާއިރާއަށް ތަފާތެއް ގެނުވާނެ އެއްޗެއްކަމަށް އުއްމީދު ކުރައްވާކަމަށް ޑރ. އިބްރާހީމް ހަސަން ވިދާޅުވިއެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޕްރޮގްރާމް ކޯޑިނޭޓަ ޑޮކްޓަރ އަލީ ޝިޔާން "ވަން އޮންލައިން"އަށް ވިދާޅުވީ ރޭ އިފްތިތާހު ކުރި އޮންލައިން މަޖައްލާ ރަސްމީކޮށް ނެރުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2019ގަ ކަމުގައެވެ. އަދި މި މަޖައްލާއަށް ލިޔުންތައް ލިޔެދެއްވާނީ ކަމާ ގުޅުންހުރި މާހިރުން ކަމަށާއި، އަދި ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ދިރާސީ ލިޔުންތައް ވެސް މަޖައްލާގައި ހިމަނަން ނިންމާފައިވާ ކަމަުގައެވެ. ޑޮކްޓަރ އަލީ ޝިޔާން ވިދާޅުވީ މި މަޖައްލާ އަހަރަކު ދެފަހަރު ނެރުމަށް ހަމަޖެހިފައިވާ ކަމަށާއި މަޖައްލާ ނެރޭނީ އޮންލައިންކޮށް ކަމުގައެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ނެރުމަށް ހަމަޖެހިފައިވާ ހެލްތު ޖާނަލްގައި، ގައިންގަޔަށް ނާރާ ބަލިތަކާއި އެބަލިތަކުން ރައްކާތެރިވާނެ ގޮތްތަކާއި ކެއުމުގެ ރަނގަޅު އާދަތައް ބައްޓަން ކުރާނެ ގޮތް ޝާއިއު ކުރާނެ ކަމަށް ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނެއެވެ. މި މަޖައްލާ ނުވަތަ ޖާނަލުގެ އެންމެ މުހިއްމު އެއް މަގުސަދަކީ ގައިންގައިން ނާރާ ބަލިތަކާއި، އަދި ހަކުރުބައްޔާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުން ކަމުގައި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.