ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިއްޖެއެވެ.
އެ މަޝްރޫއު ކުރިޔަށްގެންދާ ކުންފުނި، މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، އެ މަސައްކަތްތަކުގެ ތެރެއިން ނެރު ފުންކުރުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އޭގެ އިތުރުން ބާރަށް ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަސައްކަތަށް ބޭނުންވާ ޖިއޯބޭގްގެ ޝިޕްމެންޓް ވެސް މަސައްކަތު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 58 ޕަސެންޓް ފުރިހަމަކޮށްފިވާ ކަމަށް ވެސް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 79,100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 8,600 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރީގެ ބަނދަރު އަލުން ފުންކުރުމާއި 460 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއުގެ އަގަކީ 14.57 މިލިއަން ރުފިޔާއެވެ. ބާރަށު ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ އަމަލީ މަސައްކަތް ފެށީ 2022 އޭޕްރިލް އެއް ވަނަ ދުވަހުއެވެ.