ޚަބަރު

ދިއްދޫގެ އާ ހޮސްޕިޓަލާއި އެއާޕޯޓު ހަގީގަތަކަށް ހަދައިދޭނަން: ރައީސް

އަލީ ޔާމިން

މި ރަށަށް ރިޔާސީ ކެމްޕޭންގެ ތެރޭގައި ވައުދުވަޑައިގެންނެވިގޮތަށް މި ރަށުގައި ޑޮމެސްޓިކް އެއާޕޯޓުގެ މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށާއި މި ރަށުގައި މުޅިން އާ ހޮސްޕިޓަލެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް ރޭ ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖެ އުފެދިފައި އޮތް ގޮތުން ރާއްޖޭގެ ކުރިއެރުމާއި އިގްތިސޯދަށް ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކީ އެންމެ މުހިންމު މަސައްކަތްކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ގިނަ އެއާޕޯޓްތަކެއް ހެދުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމަށް ބަޔަކު ފާޑުކިިޔާ ކަމަށާއި ނަމަވެސް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތި ރާއްޖެ މިހާރު އޮތް ހިސާބުން ދެން ކުރިއަށް ދެވެން ނެތްކަމަށެވެ.

ރައީސް ވިދާޅުވީ، މި ރަށުގެ އެއާޕޯޓު މަޝްރޫއު ބިން ހިއްކުމުގެ މަޝްރޫއަކާއެކުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ކުރިއަށްގެންދަވާނެ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ، މި ރަށަށް އެންމެ ބޮޑަށް ބޭނުންވަނީ ސިއްހީ ނިޒާމު ރަނގަޅުކުރުމަށް ކަމަށާއި އެގޮތުން ގިނަ ވަސީލަތްތަކާއެކު މި ރަށުގައި މުޅިން އާ ހޮސްޕިޓަލެއް ހައްދަވައިދެއްވާނެ ކަމަށެވެ.

"ބަޖެޓުން ޖާގައެއް ނެތް. އެކަމަކު، ބޭރުގެ ފަންޑިން ހޯދުމަށް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ފަންޑިން ހަމަޖެހުނުހާ އަވަހަށް އާ ހޮސްޕިޓަލްގެ މަސައްކަތް ފަށާނަން. މިއީ ސަރުކާރުން މިރަށަށް އެންމެ ހާއްސަ އިސްކަން ދޭނެ މަސައްކަތް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ރަށު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތްވެސް ނެތް ކަމަށާއި އޮތީ އެންމެ އެމްބިއުލާންސެއް ކަމަށާއި ހޮސްޕިޓަލަށް މިވަގުތަށް ބޭނުންވާ ބައެއް ކަންކަންވެސް ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ދިއްދޫގެ ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގައިދިނުމާއި ކުޅިވަރު ކުޅެވޭނެ ފެސިލިޓީތައް ގާއިމުކޮށްދެއްވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.