އުރީދޫ މޯލްޑިވްސްގެ އާ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނަޖީބް ޚާން އައްޔަންކޮށްފިއެވެ.
މި މަގާމަށް ނަޖީބް ޚާން އައްޔަންކޮށްފައިވަނީ ކުންފުނީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޚާލިދް އިބްރާހީމް އ. އަލް-މަހްމޫދު މަގާމުން ރިޓަޔާކޮށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އުރީދޫ މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޚާލިދް އިބްރާހީމް އ. އަލް-މަހްމޫދު ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ޗެއާމަންގެ މަގާމު ފުރުއްވައި، ކުންފުންޏަށް ވަރަށް ގިނަ ކުރިއެރުމާއި ކާމިޔާބީތައް ހޯއްދަވައި ދެއްވާފައި ކަމަށާއި އޭނާގެ ގާބިލް ލީޑާޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް ވަނީ ޑިޖިޓަލައިޒޭޝަންގެ ރޮނގުން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށް ދިވެހި މުޖުތަމައުގެ ދިރިއުޅުން ފާގަތިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އައްޔަންކޮށްފައިވާ ނަޖީބް ޚާންއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައި، ޑިޖިޓަލައިޒޭޝަންގެ ރޮނގުން އިތުރު ކުރިއެރުންތައް ހޯއްދަވައި، ދިވެހި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް މަސައްކަތްކޮށް ދެއްވާނެކަން ޔަގީންކުރާ ކަމަށް ވެސް އު ކުންފުނިން ބުންޏެވެ.