ހިމާޔަތްކޮށްފައި އޮންނަ ށ. ފަރުކޮޅުން ކިނބުލެއް ފެނިއްޖެއެވެ.
ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅު މިއަދު "ވަން" އަށް ވިދާޅުވީ ކިނބޫ ފެނިފައިވަނީ އެ ރަށަށް ދަތުރުދިޔަ ދެ މީހަކަށް ކަމަށެވެ. އެ ކިނބޫ ފެނުމާއެކު ވަގުތުން ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކިނބޫގެ ދިގުމިނުގައި 10 ވަރަކަށް ފޫޓު ހުންނާނެ ކަމަށާއި އެ ކިނބޫ މިހާރު ފުލުހުން ހިފާފައިވާ ކަމަށެވެ.
"އެ ރަށަށް ދަތުރު ގޮސް އުޅުނު ދެ މީހަކަށް ފެނުނީ. ހޭޅި ތެރޭގައި އޮއްވައި. މިހާރު އެ ކިނބޫ ވަނީ ފުލުހުން ހިފާފައި. މި ރަށު ބަނދަރުގައި މިހާރު އޮތީ،" އޭނާ ވިދާޅުވިއެވެ.
ދަތުރު ދިޔަ މީހުން އެ ކިނބޫ ހިފުމަށް މަސައްކަތްކުރާތަން ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. އެގޮތުން އެ ކިނބޫ ހޭޅިފަށުގައި ހުރި ގަސްތަކު ތެރޭ އޮއްވައި އޭތި ހިފަން މަޅިގަނޑެއް ހަދައިގެން ބަޔަކު މަސައްކަތް ކުރާތަން ފެނެއެވެ. އަދި އެ ކިނބޫ އެމީހުންނާ ދިމާލަށް ދުއްވައިގަނެ، މޫދު ތެރެއަށް ދާތަން ފެނެއެވެ.
އޭގެ ފަހުން ވަނީ ފުލުހުން އެ ކިނބޫ މަޅިއަކުން ހިފާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުވެފައެވެ. ކިނބުލުގެ ކަރާއި އަނގައިގައި މަޅިއަޅުން ބަންނަ މަންޒަރު އޭގެން ފެނެއެވެ. އޭރު އެ ކިނބޫ އޮތީ މޫދު ތެރޭގައެވެ.
ފަރުކޮޅުން ކިނބުލެއް ފެނިފައިވާ އިރު، ކަނޑިންމަ ރިސޯޓު ކައިރިން ވެސް މިދިޔަ މަހު ވަނީ ނުވަ ފޫޓުގެ ކިނބުލެއް ފެނިފައެވެ. އެ ކިނބޫ ހިފީ ސިފައިން އެ ރަށަށް ގޮސްގެންނެވެ.