ޚަބަރު

ލ. ގަމު ގޮނޑުދޮށުގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ފާތިމަތު ލިޔުޝާ

ލ. ގަމު ބީޗް ސަރަހައްދުން މަރުވެފައި އޮތް ދިވެހި ފިރިހެނެއް ފެނިއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނީ، ގަމު މަތިމަރަދޫ "ފޮއްތޭ ހަޓް" އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމަށް މިއަދު މެންދުރު 12:15 ހާއިރު ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެ މީހާއަކީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ މަރާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.