ހއ. ހޯރަފުށިން (ޢަލީ ޔާމީން، ވަން އޮންލައިން)
މި އަހަރުގެ ތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިއަދު ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ ޖާގައެއް ނެތް ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރަން ރައީސް ބޭނުންފުޅުވާ ކަމަށެވެ.
"އަޅުގަނޑު ރައީސްގެ އެދިވަޑައިގަތުމަށް މި ޔަގީންކަން އަރުވަނީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކެއް ގާއިމްވެގެންދާނެ" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެ ބޭންކުން ރައްޔިތުންގެ ތަރައްގީއަށް ފައިސާ ދިނުމަށް މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ، ހައުސިން ފައިނޭންސިންއަށްވެސް ލުއި ގޮތްތަކެއް ހަމަޖެހޭނެ ކަމަށާއި އެ މަސައްކަތްވެސް ބާރަށް ކުރަމުން އަންނަ ކަމަށެވެ.