ޚަބަރު

ހަފުތާ 14ގައި ހިމެނޭ 161 ވައުދުގެ ތެރެއިން 150 ވައުދު ފުއްދައިފިން: ރައީސް

މުހައްމަދު އިޝާން

އެ މަނިކުފާނުގެ ހަފުތާ 14 ގައި ހިމެނޭ 161 ވައުދުގެ ތެރެއިން 150 ވައުދު ފުއްދާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސީދާ އެ މަނިކުފާނު ޖަވާބު ދެއްވުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ފޯރަމުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މިހާރު އޮތް ގޮތުގެ ސަބަބުން، ވެރިކަން ހިންގުމުގެ ބާރު ނުވަތަ ސަރުކާރު ހިންގުމުގެ ބާރު މައްޗަށް ނުފޫޒު ފޯރުވޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ވައުދުވި ކަންކަމަށް އެއްބާރުލުން ދޭނެ މަޖިލީހެއް ހޮވުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

"މިދިޔަ ތިން މަހު ފެނިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގައި ދިޔަ ގޮތް. މި ސަރުކާރުން އަޅުގަނޑުމެން ވީ ވައުދުތަކުގެ ތެރެއިން މި 14 ހަފުތާއަށް، މި ހަފުތާއަށް 14 ހަފުތާ މި ހަމަވަނީ. 161 ވައުދު ހިމެނޭ ހަފުތާ 14 އިގެ ތެރޭގައި 161 ވައުދުތަކުގެ ތެރެއިން 150 ވައުދު، 100 އިންސައްތަ ހާސިލުކުރެއްވިއްޖެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިިކުފާނު ވިދާޅުވީ ހަފުތާ 14 ގައި ބާކީ އޮތް 11 ވައުދުގެ 80 ޕަސަންޓް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ނަތީޖާ ނެރެދެއްވަމުން ދާއިރުވެސް މަޖިލީހުން އެއްވެސް އަސާސެއް ނެތި ވަޒީރުންނަށް ރުހުން ނުދީ އަދި އެ މަނިކުފާނު އަޒުލުކުރެއްވުމަށް، ނޫނީ ސަރުކާރަށް ދުއްތުރާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.