ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނު އަލުން ގެންނަން އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ހުށަހަޅާފައި މިވަނީ، ރިޔާސީ އިންތިހާބަށްފަހު އެ ޕާޓީގެ 14 މަޖިލިސް މެންބަރަކު ވެރިކަން ކުރާ ޕީއެންސީއާ ގުޅިފައިވަނިކޮށެވެ.
އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން މަޖިލީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސައިން ވިދާޅުވީ ކުރިން އަމަލުކުރަމުންދިޔަ ގާނޫނުގައި އޮތް ގޮތުން ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކުރާ އިރު، ވަގުތުން ގޮނޑި ގެއްލޭ ގޮތަށް އޮތް ނަމަވެސް، އެމްޑީޕީން މިހާރު ހުށަހަޅާފައިވާ ބިލު ތަފާތުވާނެ ކަމަށެވެ.
"މިފަހަރު އަޅުގަނޑުމެން ހުށަހެޅި ބިލާއި ތަސްދީގުކޮށް އަމަލުކުރެވުނު ގާނޫނާ އޮތް އެންމެ ބޮޑު ތަފާތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ސިޔާސީ ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު، އޭނާ އަމިއްލައަށް އެ ޕާޓީން ވަކިވެއްޖެނަމަ، އޭނާ އިސްތިއުފާދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ގޮނޑިން. ދެވަނަ ކަމަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކުރަން ނިންމާ ހާލަތުގައި އިލެކްޝަންސް ކޮމިޝަނުން އޭނާ ނިސްބަތްވާ ދާއިރާއެއްގައި ރީކޯލް ވޯޓެއް ބާއްވަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ބިލުގައިވާ ގޮތުން ޕާޓީން މެންބަރު ވަކިކުރާ ހާލަތްތަކުގައި، އިތުރަށް އެ މެންބަރު އެ ދާއިރާގެ ގޮނޑި ތަމްސީލުކުރުމަށް ދާއިރާގެ ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ އެހުމަށްފަހު، ދާއިރާގެ ރައްޔިތުން ނުފެންނަ ކަމަށް ނިންމައިފި ނަމަ، އެ މެންބަރަކު އިސްތިއުފާދޭން ޖެހޭނެ ކަމަށެވެ.
"އެހެންވީމާ މި ދެންނެވިހެން ސޭފް ގާޑްސްތަކެއް ލާފައި ސިޔާސީ ޕާޓީތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފުލް ކޮންޓްރޯލު ނޯންނަ ގޮތަކަށް، ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް އަޅުގަނޑުމެންނަށް އެޑްރެސް ކުރެވޭ ގޮތަށް މިހާރު މި ބިލު ފަރުމާ ކުރެވިފައި މިއޮތީ،" އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން އެންޓި ޑިފެކްޝަން ގާނޫނު ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ތެރޭގައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، މައްސަލަ ބޮޑުވި އެ ގާނޫނު މަޖިލީހުން ވަނީ އުވާލައިފައެވެ.