އާސަންދަ ސްކީމުގެ ދަށުން އައިވީއެފް ހެދޭނީ ތިން ބުރަށް ކަމަށް ކަނޑައަޅައި، އެ އެހީ ދިނުމާ ގުޅޭ އުސޫލު ނެރެފިއެވެ.
އައިވީއެފް ފަރުވާ ހިމެނޭހެން ދަރިމައިވުމުގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
އެ ވައުދުގެ ދަށުން އެންސްޕާ އިން މިއަދު އާންމުކޮށްފައިވާ އައިވީއެފް އަދި އައިޔޫއައި ހެދުމަށް އާސަންދަ ދޫކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ބަޖެޓު އެކުލަވާލާއިރު އައިވީއެފްގެ ފަރުވާދިނުމަށް ވަކި ބަޖެޓެއް ކަނޑައަޅަން ޖެހެއެވެ. އެ އަހަރަކު އެހީ ދޭނެ މީހުންގެ އަދަދު ކަނޑައަޅާނީ އެ ބަޖެޓަށް ރިއާޔަތްކޮށެވެ.
އައިވީއެފްއަށް އެހީ ފޯރުކޮށްދޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންގެ ތެރެއިން، އެ އަހަރަށް އެހީ ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ބަލައި، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށެވެ.
އުސޫލުގައިވާ ގޮތުން، އައިވީއެފްއަށް އެހީ ފޯރުކޮށްދެވޭނީ އާސަންދަ ސްކީމް މެދުވެރިކޮށް ހިދުމަތް ދިނުމަށް އެމްޕެނަލް ވެފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުންނެވެ. އަދި ސްކީމުގެ ދަށުން ފަރުވާއަށް އެހީ ހަމަޖެހޭ ދެމަފިރިންނަށް ބޭސްފަރުވާގެ އިތުރުން ދެކޮޅު ޓިކެޓް އަދި ހުރުމާއި ކެއުމުގެ ހަރަދަށް ކަނޑައެޅޭ މިންވަރަކަށް އެހީ ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވެއެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން، އެހީ ހަމަޖެހިގެން އެކަން އަންގާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަރުވާ ފަށައި، އޯވޭރިއަން ސްޓިމިއުލޭޝަން ބޭސް ނަގަން ފަށަންޖެހެއެވެ. އަދި މަގުބޫލު އުޒުރެއް ނެތި އެ މުއްދަތުގެ ތެރޭގައި ފަރުވާ ފަށާފައިނުވާ ނަމަ، އެހީ ބާތިލު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އައިވީއެފް ފުރިހަމަކުރުމަށް އާސަންދަ ހަމަޖައްސައިދޭނީ ތިން ބުރަށް، ގިނަވެގެން ދެ އަހަރުގެ މުއްދަތަށެވެ. އެ މުއްދަތުގެ ފަހުން ހިނގާ ހަރަދަށް އެ ސްކީމުން އެހީއެއް ހަމަޖައްސައިނުދޭނެ އެވެ. ތިން ބުރުކަމަށް ބަލާފައިވަނީ އައިވީއެފަށް ތައްޔާރުވާން ހަދާ ޓެސްޓުތަކާއި ބޭނުންކުރާ ބޭހާއި، އަނބިމީހާގެ ދަރިމައިވާ ބިސް ނެގުމާއި އެމްބްރިއޯ ތައްޔާރުކުރުން އަދި އެމްބްރިއޯ އަނބިމީހާގެ ރަހިމުގައި އިންދުމަށެވެ.
ކުރިން ފަރުވާ ފަށަފައިވާ ނަމަ، އައިވީއެފްގެ އާ ބުރެއް ފެށޭނީ، އުސޫލުގައިވާ ގޮތުން ކުރީގެ ބުރުގައި އަނބިމީހާގެ ދަރިމައިވާ ބިސް، އެމްބްރިއޯ ޓްރާންސްފާކޮށްފައިވާ ނަމައެވެ. އަދި ކުރިން ފަރުވާ ގެންދިއުމަށްފަހު އެމްބްރިއޯ ރައްކާކޮށްފައިވާ ނަމަ، އެ އުސޫލުގެ ދަށުން ހަމަޖެހޭ އެހީގައި ފުރަތަމަ ބޭނުންކުރާނީ ކުރިން ރައްކާކޮށްފައިވާ އެމްބްރިއޯއެވެ.