ޚަބަރު

ކޮލަމާފުށި ކައިރީގައި ޑޮމެސްޓިކް އެއާޕޯޓެއް ހަދަނީ

1

ގއ. ކޮލަމާފުށި ކައިރީގައި ޑޮމެސްޓިކް އެއާޕޯޓެއް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ކޮލަމާފުށި ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށާއި ރަށުގެ ރައްޔިތުންނަށް ހުރި ދަތިތައް ސާފުކުރައްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިން ވައުދުވެވަޑައިގެންނެވި ގޮތަށް މި ރަށުގެ ފަޅުތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ހިންގަވާނެ ކަމަށާއި ސިޓީ ހޮޓަލުގެ މަޝްރޫއު ވެސް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އެކަމަށްޓަކައި އިކޮނޮމިކް ކައުންސިލުގައި ކުރިއަށް ގެންދަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމައި، އިންވެސްޓަރުން ގެނެސް، އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާ މަންޒަރު ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން ވެގެން ދިޔައީމަ އެޔާއެކީގައި ނެޗުރަލީ އޭގެ ޒާތުގައި އަޅުގަނޑު ހިތުން އެއާ ކަނެކްޓިވިޓީ ވެސް އަންނާނެ. ވިލިނގިލީގައި މި ސަރަހައްދުގެ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ފަހުމްނާމާގައި މިއަދު ސޮއިކުރިން. އެޔާއެކީގައި މި ސަރަހައްދުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީވެގެން އައުމަކީ އަޅުގަނޑު ހިތުން ވަރަށް ގާތް، ހަގީގަތަކަށް ވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އެގޮތުން އެންމެ ބޮޑު މަޝްރޫއަކީ ބިން ހިއްކުމުގެ މަޝްރޫއު ކަމަށެވެ. އެކަމަށް ބަޖެޓުގައި ކުޑަ އަދަދެއް ހިމަނާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއު މި އަހަރު ތެރޭގައި ފައްޓަވާނެ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް، ތަރައްގީ ކޮށްދެއްވާނެ ކަމަށާއި ރަށުގެ ކަރަންޓުގެ ނިޒާމުވެސް ރަނގަޅު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ސްކޫލް އިތުރަށް ބޮޑު ކުރުމުގެ މަސައްކަތާއި ހެލްތު ސެންޓަރުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދޭ އަމާޒަށް ތަރައްގީ ގެންގޮސްދީ ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށް ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ނަމަވެސް އެކަންކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދަތިތައް ކުރިމަތިވާނެ ކަމަށާއި އެއީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލިސް އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު، ރައްޔިތުންގެ ޒިންމާ ހަވާލުކޮށްފައި ހުންނެވި ފަރާތުގެ ހައިސިއްޔަތުން ރައްޔިތުން އެކަމާ ދޭތެރޭ ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟